މި މަހުގެ އެއްވަނަ ދުވަހު ޅ. އަތޮޅު ކުރެންދޫގައި ފެށުނު "ކުރެންދޫ ކަޕު"ގެ ފައިނަލަށް ހަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ކުލެވަރ ބޯއީސްއާއި ޒިފިއަސް ސްޕޯޓްސް ކުލަބް ދަތުރުކޮށްފިއެވެ.

ޖުމުލަ ހަ ޓީމާއި އެކު ފެށި މިމުބާރާތުގެ ފުރަތަމަ މެޗުގައި ކުލެވަރ ބޯއީސްއާއި ކުއޭނާ ސް ޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައި ވަނީ ކުލެވަރ ބޯއީސްއެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ގުރޫޕް އޭއިން ކުލެވަރ ބޯއީސްއާއި ގުރޫޕް ބީއިން ހަފްސީއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ގުރޫޕް އޭއިން ޒިފިއަސް ސްޕޯޓްސް ކުލަބާއި ގުރޫޕް ބީއިން ކުރެންދޫ ޔޫތް މޫމެންޓެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗު ފަސޭހަ ކަމާއި އެކު 0-2ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކުލެވަރ ބޯއީސްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ދިނީ އަބްދުﷲ މާލިކުއެވެ. އަދި ފަހު ވަގުތު ކޮޅުގައި ލިބުނު ޕެނަލްޓީއަކުން ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ އަބްދުލް ވައްހާބުއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗު މިއަދު ކުޅެވުން އިރު، 0-2ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށްފައި ވަނީ ޒިފިއަސްއިންނެވެ. މިމެޗުގައި ޒިފިއަސްގެ ފުރަތަމަ ލަނޑު އިބްރާހިމް ވިސާމް ކާމިޔާބުކޮށްދިން އިރު ދެވަނަ ގޯލު ކާމިޔާބުކޮށް ދިނީ ޝަރީފްއެވެ.

ކުރެންދޫ ކައުންސިލްއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރ ގެ ފަރާތުން ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000ރުފިޔާގެ އިތުރުން ފެއާ ޕުލޭ ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.