ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ޚިޔާނާތުގެ ދައުވާތަކަށް އޭނާ އިންކާރު ކުރެއްވިއިރު، ދެން އެންމެ އަވަހަށް އަޑުއެހުމެއް އޮންނާނީ އަންނަ މަހުގައި ކަމަށް މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާތަކަށް އޭނާ އިންކާރުކޮށްފައިވަނީ އެމައްސަލައިގައި މިއަދު ކުރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ކުރިޔަށް ގެންގޮސްފައިވަނީ ދައުވާ އިއްވުމާއި ދައުވާ ސާފުވިތޯ ބެލުމުގެ މަސައްކަތެވެ. އެގޮތުން ދައުވާގައި ހުރި ކަންކަން ދެ ފަރާތުން ވެސް ވަނީ ސާފުކޮށްފައެވެ. އަދި މިނިސްޓަރ މަހުލޫފުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މަހުލޫފު ދައުވާއަށް އިންކާރު ކުރުމާ ގުޅިގެން ދެފަރާތުގެވެސް އެދުމުގެ މަތިން ހެކި ހާމަ ކުރުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދައުލަތުން ޝަފަހީ 6 ހެއްކަކާއި ކިތާބީ 24 ހެއްކެއް ވަނީ ހުށައަޅާފައެވެ. އަދި ދިފާއުން ޝަފަހީ 1 ހެއްކަކާއި، ކިތާބީ 4 ހެއްކެއް ވަނީ ހުށައަޅާފައެވެ.

މި މައްސަލައާއި ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ސްއޯއެފްގެ ރިސިޓަކާ ގުޅިގެން ހުށައަޅާފައިވާ ސްރީލަންކާގެ ރައްޔިތަކާއި، މި މައްސަލައިގެ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި ފުލުސް އޮފިސަރަކާއި، އެ ރިޕޯޓު އެނަލައިޒް ކުރި ބޭރުގެ ފަރާތަކާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފު (މޮހޯ), އަދި މ. ލޭންޑްއޮފްގާޑްން، އަހުމަދު އިޝްފާހް އަލީ ހިމެނެއެވެ. ދިފާއުން ހުށަހެޅި ހެކިންގެ ތެރޭގައި ވެސް މީގެ ބައެއް ފަރާތްތައް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

"މަހުލޫފު ފައިސާ ބޭނުންކޮށްފައިވަނީ ބޭރަށް ދިއުމަށް"

އެސްއޯއެފުން މާރުކުރިކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވާ 33 ހާސް އެމެރިކާ ޑޮލަރު ބޭނުން ކުރެއްވިކަމަށް އޭނާ ވިދާޅުވަނީ އަމިއްލަ އާއިލީ ކަންކަމުގައެވެ. އެހެންނަމަވެސް މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ މަހުލޫފު އެފައިސާ ބޭނުންކޮށްފައިވަނީ ބޭރަށް ދިއުމަށް ކަމަށާއި އަދި އެފައިސާ ބޭނުން ކޮށްގެން ބޭރަށް ގޮސް އެފަދަ ބޭނުންތަކުގައި އޭނާ ހަރަދުކޮށްފައިވާކަމުގެ ހެކި ޝަރީއަތަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މިގޮތުން މަހުލޫފުގެ އާއިލީ ވިޔަފާރި "ދަ ޖީންސް" ފިހާރައިގައި 33 ހާސް އެމެރިކާ ޑޮލަރާއި އެއްވަރުގެ މާލީ ބުރަދަނެއް ނެތްކަން މީރާގެ ޓެކްސް ބަތާންތަކުން ހާމަވާކަމަށް ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެއީ އެހާ މާލީ ގާބިލުކަން އޮތް ފިހާރައެއް ނޫންކަން ދައުލަތުން ހުށައަޅާފައިވާ ލިއެކިއުންތަކުން ސާބިތުވާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެހެންނަމަވެސް ދައުކަތުގެ ވާހަކަތަކަށް ރައްދުދެއްވަމުން މިއަދު ކޯޓުގައި މިނިސްޓަރ މަހުލޫފުގެ ފަރާތުން ވިދާޅުވީ އޭނާ އޭރުވެސް ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ތްރީ ލައިން ވިޕަކާއި އެއްގޮތަށް ވޯޓު ދިނުމަށް ރިޝްވަތު ހުށަހަޅަން ޖެހޭ ސަބަބެއް ވެސް ސާފުނުވާ ކަމަށެވެ. އަދި އޭގެ ކުރިން މަހުލޫފު ވޯޓު ދިން ގޮތްތަކަށް ބެއްލެވި ކަމުގައި ވިޔަސް ވޯޓު ދެއްވާފައިވަނީ ވިޕްލައިނާއި އެއްގޮތަށްކަން އެނގޭނެކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ އެ ރިޝްވަތު ހުށަހެޅި ކަމަށް އެބުނާ ދުވަސްވަރަކީ އޭނާއާއި އޭރުގެ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ދެމެދުގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ދުވަސްވަރެއް ކަމަށެވެ. އަދި އެދުވަސް ވަރު ހަނދާން ހުންނަ ކޮންމެ މީހަކަށް ވެސް އޭރު ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހިފައިވާކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުށް ސާބިތު ކުރުމަށް އެންމެ މުހިއްމީ އަދީބު؟

މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މީގެ ކުރިން ދައުލަތުން ރައީސް ޔާމީންގެ މައްސަލައިގައި ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އެކަމާއި ގުޅިގެން ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ބޮޑު ބަހުސެއް ކުރިޔަށް ގޮސްފައެވެ.

މިގޮތުން ދިފާއުން ބުނެފައިވަނީ 33،000 އެމެރިކާ ޑޮލަރަކީ އެސްއީއެޒް ވޯޓާގުޅިގެން ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާކަން ސާބިތުކޮށްދިނުމަށް ހުށައެޅިފައިވަނީ އެންމެ ހެއްކެއް ކަމެވެ. އެއީ އަހުމަދު އަދީބުގެ ހެކިބަސްކަން ފާހަގަ ކުރައްވައި ދިފާއީ ވަކީލުން ވަނީ, ދާދި ފަހުން ސުޕްރީމް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްސަލާގައި ނިންމާފައިވާ ނިންމުމަކަށް އަލިއަޅުވާލައްވާފައެވެ. އެ ނިންމުމުގައި ބަޔާންކޮށްފައިވަނީ, އަދީބަކީ ޚިޔާނާތުގެ ބައިވެރިއަކަށްވާއިރު، އަދީބުގެ ހެކިބަސް ގަބޫލު ކުރެވޭނީ އެ ހެކިބަހަށް ބާރު ލިބިދޭ އިތުރު ހެކި ހުރެގެން ކަމަށެވެ.

ދިފާއުގެ ވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދިފާއުން އެ އުންސުރު ސާބިތު ކުރުމަށް ހުށައަޅާފައިވަނީ ހަމައެކަނި އަހުމަދު އަދީބުގެ ހެކިބަސް ނޫން ކަމަށެވެ. އެގޮތުން އަދީބުގެ ހެކިބަހަށް ބާރު ލިބިދޭ ހެކިތައްވެސް ދައުލަތުން ހުށައަޅާފައިވާނެކަމަށް ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، އަދީބާ މަހުލޫފާ ދެމެދު ފޮނުވާފައިވާ މެސެޖުތަކަށް ބަލާއިރުވެސް އަދީބުގެ ހެކިބަހަށް ބާރު ލިބިދޭ ކަންކަން ހުރި ކަމަށެވެ. އެގޮތުން "ޕްލީޒް އެރޭންޖް އިޓް އޮން ސަންޑޭ"އޭ ވިދާޅުވެ މަހުލޫފުގެ ފަރާތުން މެސެޖެއް ކޮށްފައިވާއިރު، އެ ވިދާޅުވި ތާރީޚުގައި ޗެކް ޖަމާވެފައިވާކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ. އަދި ޗެކް ޖަމާވުމާއެކު މަހުލޫފުގެ ފަރާތުން "ތެންކްސް ބްރޯ"އޭ ބަޔާންކުރައްވައި މެސެޖެއް ފޮނުވާފައިވާއިރު، މިއީ ހައްތަހާވެސް އަދީބުގެ ބަޔާނަށް ބާރު ލިބިދޭ ކަންކަން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެހެންނަމަވެސް ޔޫތު މިނިސްޓަރ މަހުލޫފު އެކަމަށް އިންކާރު ކުރައްވައެވެ. މަހުލޫފު ވިދާޅުވާ ގޮތުގައި އެފަދަ ޗެޓްލޮގެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. އަދި އެފަދަ ފޯނެއްވެސް ނުވަތަ ޗެޓް ލޮގެއްވެސް ނޯންނާނެ ކަމަށް އޭނާ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    މިވެރިކަމެއްގައ މަޚުލޫފަށްކުރާދައުވާއެއް ކޯޓަކު ސާބިތެއްނުވާނެއެވެ.

    4
    1
  2. އުސްތާޒް

    މިއަދު ގައުމީ މަޖިލީހުން ނިންމާފިދޯ އޭޕްރީލަގަ ޗެއާރޕާސަން ހޮވުން އެހެންވެ އަންނަމަހަށް އަނެއްކާވެސް ލަސްކޮށްލީ، ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެގޮތް ހަދަން ތެޅޭހެން މަހުލޫފަށްވެސް ޖައްސާނީ

  3. ޏަމް

    ބަލަދެން ކަލޭމެން ކީއްވެތަ ސޯލިހުގެ ކަޅުދަބަހުގެ ހަގީގަތް ނުހޯދަން ތިޔަ އުޅެނީ މިހާރުވެސް މީހަކު ﷲ ގަންދީހުވާކޮށްފަ އެބުނަނީ ސޯލިހު ކަޅުދަބަހުގަ ފައިސާ އުފުލިކަމަށް މިފަދަ ހިޔާނަތް ތެރި މީހަކު ކަލޭމެން ވެރިކަމުގަ ތިބަހަށްޓަނީ ކޮން ފައިދާއެއްވާތީތޯ ކިތަންމެވަރަކަށް ފާސިގު ހެކިވެރިޔާ ރެސިޑެންސީގަ ބަހަށްޓާފަ އޭނަލަށްވަ ގޭމުކުޅުނަކަސް ތިޔަގޭމެއް ނުކުޅެވޭނެ ފަޅާ އަރާނެ ދުވަސް ވަނީ ދާދި ކައިރީގަ.