މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ އިންތިހާބު އޭޕްރިލް 16 ގައި އަދި ކޮންގްރެސް އޮގަސްޓް 4 ގައި ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް ކަނޑައެޅުން ވެސް މިރޭ ނިންމަން ކުރިން ތާވަލް ކުރިއެވެ. ނަމަވެސް މިރޭ ޖަލްސާގައި ރިޔާސީ ޕްރައިމަރީގެ ތާރީޚާއި ގުޅޭ ބަހުސް ކުރިއަކަށް ނުގެންދެއެވެ.

އޭޕްރިލް 16 ގައި ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން ވެސް މިރޭ ނިންމި އެވެ. އެ އިންތިހާބަށް ހުޅުވާލާނީ މި މަހުގެ 15 ގަ އެވެ.

އޮގަސްޓް 4 ގައި ބާއްވާ ކޮންގްރެސްގައި އޮންނާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ މެދު ގޮތެއް ނިންމުމެވެ.

މީގެ އިތުރުން ޕާލިމެންޓްރީ ގްރޫޕުގެ އިންތިހާބު މި މަހުގެ 18 ގައި ބާއްވަން ވަނީ ފާސްކޮށްފަ އެވެ.

އިސްކަންދަރު ސްކޫލުގައި ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ހުށަހަޅުއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ތާއީދު ކުރެއްވި އިންތިޚާބުތަކުގެ ތާރީޚްތަކާއި ގުޅޭ ގޮތުން ގައުމީ މަޖިލިސް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުމެއް ނެތެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ހުޅުވާލަން ތައްޔާރުވަމުން އަންނައިރު އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެ ކަމަށް އެބޭފުޅުންގެ ގާތް ބޭފުޅުން ވަނީ މިއަދު މީޑިއާގައި ވިދާޅުވެފައެވެ. ނަމަވެސް އެއްވެސް ބޭފުޅަކު އެކަން ރަސްމީކޮށް އިއުލާނެއް ނުކުރައްވައެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީން ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭ ގޮތުން ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ގާނޫނު އަސާސީއަށް ގެންނަން ރައީސް ނަޝީދު ކޮންގްރެސް އަށް ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯދާ ކެންޑިޑޭޓަތަކަށް ވެރިކަން ލިބޭ ގޮތައް ބަދަލު ކުރުން ހިމެނެއެވެ. މިހާރު އޮންނަނީ އިންތިޚާބުގައި %50 އަށް ވޯޓް ލިބޭ ކެންޑިޑޭޓަކު ރައީސަކަށް އިންތިޚާބުވާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    ޕާޓީ އަކުން ބޭނުންވީމަ އިސްލާހު ގެންނަ އުސޫލު ތީ ހާދަ ފައްކާ ކަމެކެ ދޯ ކޮބާ ދެންތިބި ރައްޔިތުން