ގދ. ތިނަދޫގައި ޒުވާނަކަށް ހަމަލާދީ ޒަހަމްކޮސްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައި ވަނީ ތިނަދޫ ކައިރީގައި އޮންނަ ރިސޯޓަކުން ތިނަދުއަށް ދިޔަ ޒުވާނަކަށެވެ.

އޭނާ އަށް ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުން ވިދާޅުވީ ތިނަދޫގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު މިރޭ 21:25 ކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

މާރާމާރީގައި ދިވެހި ފިރިހެނަކަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

މިމައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާ ކަމަށް ވިދާޅުވުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.