ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފައިސާ ހޯދައި ނިރުބަވެރިކަމުގެ ހަރަކާތްތައް ހިންގަން އުޅުނު ކަމަށް ހދ، ނޭކުރެންދޫ، ޝާޒިން، މުހައްމަދު މުނާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މުނާޒުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި ކަމަށް (ޓެރަރިޒަމަށް) ފައިނޭންސް ކުރުމުގެ (ފައިސާ ހޭދަ ކުރުމުގެ) ދައުވާއާއި، ނިރުބަވެރި ކަމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު އިއްވެވި ހުކުމުގައި ވަނީ، އެމެރިކާގެ މީހެއް ކަމުގައިވާ ލަޔަނަލް ވިލިއަމްސް އަތުންނާއި ޕާކިސްތާނު މީހެއް ކަމުގައިވާ މުހައްމަދު އިމްރާން އަތުން މުނާޒު ފައިސާ ހޯދި ކަމަށް ބުނާ ވާހަކަ ސާބިތުކޮށްދެވޭ ވަރަށް ދައުލަތަށް ހެކި ހުށަނޭޅޭ ކަމުގައެވެ.

ދައުލަތުން ތުހުމަތު ކުރައްވާ ގޮތުގައި، ލަޔަނަލް ވިލިއަމްސްއާއި މުހައްމަދު އިމްރާން އަކީ ނިރުބަވެރި ޖަމާއަތް އައިއެސްއަށް ތާއީދުކޮށް އެ ޖަމިއްޔާގެ ނިރުބަވެރި ހަރަކާތްތަކުގައި އުޅޭ ބަޔެކެވެ.

މީގެ އިތުރުން ފޭސްބުކްގައި "އަބޫ މިޝްކާ" ގެ ނަމުގައި ހަދާފައިވާ އެކައުންޓުން ނިރުބަވެރި ކަމަށް ތާއީދުކޮށް ޕޯސްޓްތައް ކޮށްފައި ވަނީ މުނާޒު ކަމާއި، އެ އެކައުންޓް ބޭނުން ކުރަމުން ދިޔައީ މުނާޒު ކަން ވެސް ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައިވާ ނުވާ ކަމަށް ހުކުމުގައިވެއެވެ.

މުނާޒް ބޭނުން ކުރި ކަމަށް ބުނާ ފޭސްބުކް އެކައުންޓްގައި ޑިމޮކްރަސީއަކީ ކުފުރެއް ކަމާއި ދިވެހި ދައުލަތަކީ އެ ކުފުރުގެ ނިޒާމުގައި ހިންގާ ކުފުރު ދައުލަތެއް ކަމާއި، މި ދައުލަތް ގަބޫލު ކުރާ ދިވެހިންނަކީ ކުފުރުން ކަމުގައި ބުނެ ކޮށްފައިވާ ޕޯސްޓްތަކެއް ދައުލަތުން ފާހަގަ ކުރެއެވެ.

މީގެ ރައްދެއްގެ ގޮތުގައި ދިފާއުން ޝަރީއަތުގައި ވެސް ފާހަގަ ކުރައްވަމުން ގެންދެވި ކަމަކީ، އެ އެކައުންޓުން ލޮގްއިންވި ޑިވައިސްތަކާއި ލޮގްއިންވި ސަރަހައްދުތަކެއް ދެނެގަނެގިފައި ނެތް ކަމެވެ. އަދި އެ ދުވަސްވަރު މުނާޒަށް އެ އެކައުންޓުން ލޮގްއިން ނުވެގެން އުޅުނު ކަމަށް އޭނާގެ ވަކީލުން ވިދާޅުވަމުން ގެންދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިމް

    ޑިމޮކްރެސީއަކީ ކުފުރެއްކަމަށް ބުނުމަކީ ކުށެއްތަ؟ ކޮބާ ޚިޔާލުފާޅުކުރުމުގެ ހައްގު؟ ޑިމޮކްރަސީއަކީ ކުފުރުގެ ނިޒާމެއް ކަމާ މެދު ޝައްކެއް ނެތް. ދެން އެ ނިޒާމު އޮތްތަނެއްގައި އޮތީ އިސްލާމީ ޝަރީއަތް ކަމަށްވޭތަ؟

    6
    2
    • ޜަޟީ

      ދެން ޑިމޮކްރަސީ ނެތް ތަންތަން ވެސް ކުފުރުތަ

      2
      1
  2. ހަސަނާ

    ލިބުނުގެ ގެއްލުމުގެ ބަދަލު ހޯދާށެވެ.

    2
    1