އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ބާއްވާނެ ތާރީހަކާއި މެދުވެސް ދެ ފެކްޝަންގެ ހިޔާލު ތަފާތުވެއްޖެއެވެ.

މިހެން މިކަންވެފައިވަނީ ޗެއާޕާސަންގެ ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، އިންތިހާބު ރޯދަމަހާ ދިމާވާތީ، އެހެން ތާރީހަކަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަތުމާއި ގުޅިގެންނެވެ. އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް އޭނާ ހުށަހެޅުއްވީ އަވަސްކުރަން ނުވަތަ މިހާރު އޮތް ތާރީހުގައި ބޭއްވުމާ މެދު އަލުން ވިސްނުމަކަށް ދާށެެވެ.

އެހެންނަމަވެސް ޗެއާޕާސަންގެ މަގާމުގެ އިންތިހާބުގައި ދެން ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެނޑިޑޭޓު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ އިންތިހާބު މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި ބާއްވަން ނުވަތަ އެއަށް ވުރެން އަވަސްކުރިއަސް އިއުތިރާޒެއް ނެތް ކަމަށެވެ. އިންތިހާބު ލަސްކުރަން އޭނާ ބޭނުމެއް ނުވެއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަންގެ އިންތިހާބުގެ ތާރީހަށް ބަދަލެއް ގެންނަ ނަމަ އެކަން ކުރެވޭނީ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ޗެއާޕާސަންއެވެ. އެއީ އިދާރީ ގޮތުން ޕާޓީގެ ކަންކަމުގައި އެންމެ އިސް ފަރާތެވެ.

ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމު ކުރުމާއި ދާއިރާތަކުގެ އިންތިހާބާއި އިދާރީ ކަންކަމާއި ޕާޓީގެ އުސޫލުތަކަށް ރައްކާތެރިވެ، މެމްބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުމާއި ޕާޓީގެ ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ޗެއާޕާސަންގެ މަސްއޫލިއްޔަތެވެ.

މިފަހަރުގެ އިންތިހާބާއި ދިމާކޮށްވެސް ދެ ރައީސުންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ރައީސް ސޯލިހްގެ ފަރާތުން ވާދަކުރައްވަނީ އެމަނިކުފާނުގެ އެންމެ އަރިސް އެއް ވަޒީރު ކަމަށްވާ ފައްޔާޒް އިސްމާއިލްއެވެ. އެއީ މި ސަރުކާރުގެ އެންމެ ހިންގުންތެރި އަދި އެންމެ މަގުބޫލު އެއް ވަޒީރެވެ. ރައީސް ނަޝީދާއި އެންމެ ހިޔާލު ތަފާތުވުންތައް ބޮޑު އެއް ވަޒީރުވެސް މެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އެއީ މިވަގުތު ރައީސް ނަޝީދުގެ ފަހަތުގައި ހުންނެވި އެންމެ މަގުބޫލު އެންމެ ހިންގުންތެރި އެއް ބޭފުޅާއެވެ. އަދި ފެށުނިއްސުރެ ދެގޮތެއް ނުވެ ރައީސް ނަޝީދަށް ވަފާތެރި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަތުނާ

    ރޯދަމަހު ވޯޓް ނުގަންނާނެކަން ފައްޔާޒް އައް އެނގޭ، އެހެންވެ އެއުޅެނީ..

  2. ޙަނދުކޭތަ

    ސިހުރު ހަހޫރައް ރަނގަޅު ތާރިހެއް ކަލޭމެނައް ރަނގަޅުވާނީ

  3. ކުރީގަ އެމްޑީޕީ ހާޑުކޯ ގދ.ތިނަދޫ އެކްޓިވިސްޓެއް

    ހަގީގާތުގަވެސް މިހާ ރު ބޭނުންވަނީ ތިޕާޓީ ހަލާކު ކޮއްލަން. ވީ ވައުދު ތަށް ނުފުއްދެންޏާ ކޮންޕާޓީއެއް އަހަ ރުމެންނަށް އޮންނާނީ. އެމްޑީޕީއަށް ތިނަދޫ އިން މެޖޯ ރިޓީ ލުބުމަކީ ދެން ނާދި ރުކަމެއް