ވޯލްޑް މޮނިއުމަންޓްސް ފަންޑް އިން އެކުލަވާލި މި އަހަރުގެ ވޯލްޑް މޮނިއުމަންޓްސް ވޮޗްގައި އައްޑޫ ސިޓީ މީދޫގައި ހުރި ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ހިމަނައިފިއެވެ.

ވޯލްޑް މޮނިއުމަންޓްސް ވޮޗްއަކީ އޭގެ ވަށައިގެންވާ މުޖުތަމައުތަކަށް އެ ތަންތަން މުހިއްމު ވުމުގެ ސަބަބުން ރައްކާތެރިކަމުގެ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ނާޒުކު 25 ތަނެއް ހިމަނައިގެން އެކުލަވާލާ ލިސްޓެކެވެ. މި ތަންތަނަކީ މޫސުމީ ބަދަލާއި، ތަނާއި ނުބައްދަލު މިންވަރުގެ ފަތުރުވެރިކަމާއި، އަހަންމިއްޔަތުކަން ނުދެވުމާއި، ކާރިސާއިން އަރައިގަތުން ފަދަ ގޮންޖެހުންތަކާއި އޭގެ ސަބަބުން އެ ތަރިކަތަކަށާއި އެތަނާއި ގުޅިފައިވާ މުޖުތަމަޢުތަކަށް ކުރާ އަސަރު ވަރަށް ބޮޑަށް ފާހަގަކޮށްދޭ ތަންތަނެވެ.

ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ގަބުރުސްތާނެވެ. މި ސަރަޙައްދަން އިސްލާމްދީން ފެތުރިގެން ދިޔައިރު، މީލާދުން 12 ވަނަ ޤަރުނުގައި ރާއްޖޭގައި އެންމެ ފުރަތަމަ ބިނާކުރެވުކަމަށް ބެލެވޭ އެއް މިސްކިތް ހުރީވެސް ކޯގަންނުގައެވެ. ކޯގަންނު ގަބުރުސްތާނުގައި މީލާދިން 12 ވަނަ ޤަރުނުން ފެށިގެން މީހުން ވަޅުލަމުން އައިސްފައިރު، އެ ގަބުރުސްތާނުގައި 1500 އަށްވުރެ ގިނަ ހިރިގައު މަހާނަގަލާއި، ޒިޔާރަތްތަކާއި އިތުރު މިސްކިތްތައް އެބަހުއްޓެވެ. ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ފާހަގަކުރެވެނީ ދިވެހީންގެ ހިރިގަލުގެ މަސައްކަތްތެރިކަމުގެ ފުރިހަމަ ނަމޫނާއެއްގެ ގޮތުގައެވެ.

ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު، ރާއްޖޭގެ އިތުރު ފަސް ހިރިގައު މިސްކިތަކާއިއެކު 'ދިވެހިރާއްޖޭގެ ހިރިގައު މިސްކިތްތައް' ގެ ނަމުގައި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއެެވެ. އަދި މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިގެން ދިއުމަކީ މި ތަންތަނަށް ބައިނަލްއަޤުވާމީ ސަމާލުކަން ލިބި، ރާއްޖެ ފަދަ ބިންތިރި ޖަޒީރާތަކުގެ ތަރިކަ ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެންދާނެ ބާރެކެވެ.

1996 ވަނަ އަހަރު އެމެރިކަން އެކްސްޕްރެސްގެ އެހީގައި ފެށި 'ވޮޗް' އަކީ ކޮންމެ ދެ އަހަރަކުން އެއްފަހަރު، ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކުން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ހޮވާލެވޭ އާސާރީ ތަންތަން ހިމަނައިގެން އެކުލަވާލާ ލިސްޓެކެވެ.

ދިވެހީންގެ ފަރާތުން ވޯލްޑް މޮނިއުމަންޓްސް ވޮޗްއަށް ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ނޮމިނޭޓް ކުރެއްވި މައުރޫފް ޖަމީލް ވިދާޅުވިއެވެ.

ޖުމްލަ 24 ޤައުމަކުން ގާތްގަނޑަކަށް 12،000 އަހަރުގެ ތާރީޚު ދައްކައިދޭ މި އަހަރުގެ ވޮޗްއިން ދައްކައިދެނީ އަސާރީ ސަރަޙައްދުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ގުޅި ލާމެހިފައިވާ ގޮންޖެހުންތަކެއް ކަމާއި، މުސްތަގުބަލަށް ހޭނެމުން ދާއިރު، އެ ތަންތަނުގެ ވަށައިގެންވާ މުޖުތަމަޢުތަކަށް އެ ތަންތަނުން ފައިދާ ކުރާނެ ކަމެވެ.