ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ މީހަކު ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އެ އަމުރު ސަސްޕެންޑްކޮށް، އެ މީހާ ދޫކޮށްލަން އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަދީޢުއްދީން އަޙްމަދު އަމުރު ކުރި މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަދީޢުއްދީން އަޙްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ މެޖިސްޓްރޭޓް ރަދީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް ނިންމާފައިވާ ކަމަށެވެ.

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާލިބޭ ސ. ހިތަދޫ މަންދޫބުގޭ، ރުޝާން އަހުމަދު ދީދީ ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ނިންމެވީ ހައި ކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު 90 ދުވަހަށް އޭނާ ދޫކޮށްލުމަށެވެ.

މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނެ ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް، ޓްވީޓް ކުރައްވާފައިވާތީ އެކަމާއި ގުޅިގެން ހިތަދޫ ކޯޓުން ނެރުނު ބަޔާނުގައި ވަނީ އެގޮތަށް ޓްވީޓްތައް ކުރުމަކީ ޝަމީމްގެ މަގާމުގެ ހައިސިއްޔަތުން ކުރުން އެކަށީގެންނުވާ ކަމެއްް ކަމަށެވެ. އަދި އެގޮތަށް ބުނުމަކީ ފަނޑިޔާރުންނަށް ފިކުރީ އަދި ނަފްސާނީ ގޮތުން ބިރުދެއްކުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކޮށްފައިވާ ޓްވީޓަކީ އެ ފަރާތް ނިސްބަތްވާ މަގާމުގެ ހައިސިއްޔަތުން ކުރުން އެކަށީގެންވާ ކަމެއް ކަމުގައި ނުދެކެމެވެ." އެ ބަޔާނުގައިވެ އެވެ.

މިއީ ރާއްޖޭގައި މަތީ ކޯޓެއްގެ އަމުރެއް ދަށު ކޯޓަކުން ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން އެކަން ކުރުމުގެ ފުރުސަތެއް ގާނޫނީ ގޮތުން ނުވެސް އޮވެ އެވެ. މަތީ ކޯޓުތަކުގެ އަމުރުތަކަށް ތަބާވުމަކީ ގާނޫނު އަސާސީން ވެސް ދަށު ކޯޓުތަކަށް ލާޒިމްކުރާ ކަމެކެވެ. ނަމަވެސް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހައިކޯޓުގެ އަމުރު ސަސްޕެންޑް ކުރެވިދާނެ ކަމަށް ޕީޖީގެ ވަކީލު ވެސް ވިދާޅުވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު