އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަ ކުރާ އާސެނަލްގެ ތަރި އާރޮން ރަމްސޭ އޭނާގެ މުސާރަ ބޮޑު ކޮށްދޭން އެދިއްޖެއެވެ.

ރަމްސޭ އޭނާގެ މުސާރަ ބޮޑު ކޮށްދޭން އެދިފައި މިވަނީ އެ ކްލަބަށް އެންމެ ފަހުން ގެނައި ކުޅުންތެރިންގެ މުސާރަވެސް އޭނާ އަށް ލިބޭ މުސާރަ އަށްވުރެން ބޮޑުވެފައި، އޮޒިލްގެ މުސާރަވެސް ބޮޑު ކޮށްދިނުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަމްސޭ އަށް ހަފްތާ އެއްގެ މައްޗައް މިހާރު ލިބެނީ 110000 ޕައުންޑް ކަމުގައި ވާއިރު، އެ ކްލަބާއި އެންމެ ފަހުން ގުޅުނު ހެންރިކް މިކިޓަރިއަން އާއި އެމެރިކް އޮބަމަޔަންގެ މުސާރަވެސް މިއަށްވުރެން މާބޮޑެވެ. އަދި ދާދި ފަހުން މުސާރަ ބޮޑު ކޮށްދިން އޮޒިލްގެ މުސާރަ އަކީ މިހާރު 300000 ޕައުންޑުކަން ފާހަގަކޮށްލެވެއެވެ.

ރަމްސޭގެ މުސާރަ ބޮޑު ކޮށްދޭން އޭނާ އެދުމުން އެ ކްލަބުގެ މެނޭޖްމަންޓުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެނީ، އާސެނަލްގެ ކުރީގެ ތަރި އެލެކްސިސް ސަންޗޭޒްވެސް އެ ކްލަބު ދޫކޮށްލުމުގެ ކުރިން މުސާރަ ބޮޑު ކޮށްދޭން އެދިފައި ވާތީއެވެ.

ރަމްސޭ އާސެނަލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ކުރީ ކޮޅު ހަމަވާ އިރުގައި، ރަމްސޭ އަކީ އާސެނަލްގައި މިހާރު އޮތް ފުރަތަމަ 11 އަށް ނަގާ ކުޅުންތެރިންގެ ތެރެއިން އެ ކްލަބަށް އެންމެ ގިނ ގޯލު ޖަހައިދީ އަދި އެންމެ ގިނަ މެޗުތައްވެސް ކުޅެދީފައިވާ ކުޅުންތެރިޔާއެވެ.

ރަމްސޭގެ މުސާރަ ބޮޑު ކޮށްދޭން އޭނާ އެދިފައިވާ އިރުގައި، އިންޖަރީގައި ހުރުމަށް ފަހު އޭނާ މިހާރު އަންނަނީ ފިޓްވަމުންކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު