ޓެރަރިޒަމްއާއި ގުޅޭ ގޮތުން ތަހުގީގީ އިދާރާތަކަށް ލިބެމުންދާ އިންޓެލިޖެންސް މައުލޫމާތުތަކުގެ ރިޕޯޓް ފުލުހުންގެ ޚިދުމަތުން ހޯމް މިނިސްޓަރުގެ އިތުރުން ރައީސަށް ހުށަހަޅާ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

ޓެރަރިޒަމް މަނާ ކުރުމާއި ގުޅޭ އާންމު ގަވާއިދުގައި އޮންނަނީ، އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލު ކުރެވޭ މައުލޫމާތުގެ ތަފާސްހިސާބުތަކުގެ ރިޕޯޓެއް ކޮންމެ ތިން މަހަކުން މިނިސްޓަރަށް ހުށަހެޅުމަށެވެ.

އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާން ކުރާ އެ ނުކުތާ އިސްލާހުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފައެވެ. އަދި މިއަދުން ފެށިގެން އެއަށް އަމަލު ކުރަމުން ދާނެ ކަމަށް އޭގައިވެއެވެ.

އިންޓެލް މައުލޫމާތު އިދާރާތަކުގެ މެދުގައި ބަދަލު ކުރުމުގެ އުސޫލު ބަޔާން ކުރާ އެ ނުކުތާއަށް ގެނައި ބަދަލަކީ، ކޮންމެ ތިން މަހަކުން މިނިސްޓަރުގެ އިތުރުން ރައީސަށް ވެސް ހުށަހެޅުމަށެވެ.

ސީދާ ރައީސަށް ވެސް އެ ރިޕޯޓްތައް ހަވާލު ކުރަން ޖެހޭ ގޮތަށް މި ހެދީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ބަދަލު ނުރެވި ދިއުމުން އާންމުން ފާޑުކިޔަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް މިހާރު ފުރުއްވާ ނަޝީދަށް ނުރައްކާ އޮތް ކަން ޑިފެންސަށް މައުލޫމާތު ލިބުނު ނަމަވެސް ފުލުހުންނަށް އެ މައުލޫމާތު ފޯރުކޮށްދެވިފައެއް ނުވެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ނަޝީދު އަވަހާރަކޮށްލަން ނުރައްކާތެރި އައީޑީއެއް ގޮއްވާލިއެވެ. މި ހަމަލާއިން ނަޝީދު ސަލާމަތްވީ ހަނި ގޮތަކަށް ކަމަށް ފަރުވާ ދެއްވި ޑޮކްޓަރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިކްރޭ

    މޮޔައެއް އަތައް ކަނޑިއެއް ދިނުމޭ ބުނާ އަޑު އަހަން ؟؟

    މީ އެބުނާ ބަހުގެ އެއްމެ އެކަށީގެންވާ އެއް މިސާލް..

  2. ރާއްޖެ

    މޮޔައެއްގެ އަތަށް ކަނޑިއެއް ދީބަލަ.

  3. އިބްރާހިމް

    އިންޑިއާ ސިފައިން ބޭނުމިއްޔާ ރާއްޖެ ހިފިދާނޭ ބުނާ ޑިފެންސްމިނިސްޓަރަކު ލައިގެންއުޅޭ ރައީސަކު ބޭނުންވާނީ ކޮން އިންޓެލިޖެންސެއްތޯއެވެ؟

    • ޢަހުމަދުވަގާރު

      ނުހިފޭނެތަ؟.ޔަގީނެއްނު ހިފޭނެކަން

  4. ހާމިދު

    ޓެރަރިޒަމް އަކީ ޔޫރަޕް މީހުން ބުނީމާ ބުނާ އެއްޗެއް. މިކަން ނިމުމަކަށް ގެނެސް ރާއްޖެ އަކީ މިނިވަން ޤައުމަކަށް ވާން ޖެހޭ. އެމީހުން ގެ މަސްލަޙަތު ހިފެހެއްޓުމަކީ އަހަރެމެންގެ މަސައްކަތެއް ނޫން. ޓެރޯ އުފައްދަނީ އެމީހުން ޒިންމާވެސް ވާން ޖެހޭނީ އެމީހުން

    4
    1
  5. ފަރީ

    ތިކަންވެސް ތިލީ ބޮއްސުން

    10