ރާއްޖޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

"ވަގުތު " އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނީ ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

" އިރުދެކުނާއި ދެކުނުން ދެކުނު އަތޮޅުތަކަށް، ގަޑިއަކު 03 މޭލާ 13 މޭލު ދެމެދުގެބާރުމިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލުދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ "މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާ ގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އުތުރުގެ އަތޮޅުތަކަށް މިއަދު މެންދުރު ފަހު 3:00 ގައި ދިޔަވަރުބޮޑުވާނެ ކަމަށް ލަފާކޮށްފައި ވާއިރު، ދެކުނަށް ދިޔަވަރުބޮޑުވާނެ ކަމަށް ލަފާ ކޮށްފައި ވަނީ ހަވީރު 4:00 ގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްކަމުން ދޭތެރެ ދޭތެރެއިން މޫސުމާބެހޭ ގައުމީ އިދާރާއިން ދަނީ އެލާޓްތައް ނެރެމުން އަންނަ އިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދުދެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މޫސުން މިއަދު ގޯސްވުމާއި ގުޅިގެން ބ. އަތޮޅާއި ތ. އަތޮޅާ ދެ މެދުގެ ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވެހޭނެތީ މެޓް އޮފީހުން މިއަދު ވައިޓް އެލާޓެއް ވެސް ނެރެފައިވާއިރު މިއެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 11:45 އިން ފެށިގެން ހަވީރު 5:00 އަށް ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު