ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް އާ ވައްތަރެއްގެ މަހަކަށް ކިރިލެބްރަސް ފިނިފެންމާގެ ނަމުން ނަން ދީފިއެވެ. އަލަށް ނަންދެވެނު މި މަހަކީ ލެބްރިޑައި ނުވަތަ ހިކާ އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެކެވެ. މި މަހަށް ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާއެވެ.

މަހުގެ އާންމު ނަމަކަށް އިނގިރޭސި ބަހުން ކިޔުމަށް ކަނޑައެޅިފައިވަނީ ރޯސް ވެއިލްޑް ފެއާރީ ރާސް އެވެ.

މި މަހަށް ފިޔާތޮށި ފިނިފެންމަލާއި ގުޅުވާފާއި ނަން ދީފައި ވަނީީ މި މަހުގައި ހުންނަ، ފާހަގަ ކުރެވޭ ފިޔާތޮށި ކުލަވަރަށް ނިސްބަތް ކޮށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މިހާތަނަށް އެނގިފައިވާ ގޮތުން މި މަހަކީ ރާއްޖެ އާއި ސްރީލަންކާ ސަރަޙައްދުގައި ފަރުތަކުގެ ފުން ހިސާބުތަކުން (40-70 މީޓަރު) ފެންނަ މަހެއްކަން ފާހަގަ ކުރެވޭ ކަމަށެވެ. މި މަހަށް މުޅިން އަލަށް ނަން ދިން ކަމުގައި ވީ ނަމަވެސް މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރުވެސް ބޭނުންކުރަމުންދާ މަހެކެވެ. މި މަހަށް މީގެ ކުރިން ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަޙައްދުން ފެންނަ މަހެއްކަމަށްވާ ކަމަށްވާ (Cirrhilabrus rubrisquamis) މަހުގެ ނަމެވެ.

ނަމަވެސް ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސް ގެ "ހޯޕް ފޮރ ރީފްސް އިނިޝިއަޓިވް" ގެ ދަށުން އެ އެކަޑެމީ އާއި، ޔުނިވަރސިޓީ އޮފް ސިޑްނީއާއި، އޮސްޓްރޭލިއަން މިއުޒިއަމް ރިސާރޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓޮރީއާއި އަދި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރަށް ފަހުން ކުރެވުނު ދިރާސާ ތަކުގެ އަލީގައި މި މަހަކީ ޗާގޯސް ސަރަޙައްދުން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ޔަގީން ކުރެވިފައިވެއެވެ.

ދިރޭތަކެތީގެ ނަސްލާއި އަދި މުޅިން އަލަށް ފެންނަ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ޒޫކީސް (Zookeys) ގައި ކްރްހިލަބްރަސް ފިނިފެންމާ އަކީ މުޅިން އައު މަހުގެ ބާވަތެއްކަން ދެނެގަނެވުނު ދިރާސާ މިހާރު ވަނީ ޝާއިއުކޮށްފައެވެ.

މި މަހުގެ ސައިންޓިފިކް ނަން ކަނޑައެޅުމާއިއެކު، ދިވެހި ބަސްބަހާ ގުޅުވައިގެން ސައިންޓިފިކް ނަން ދެވިފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ ވެސް މިހާރު މިހިމެނުނީއެވެ.

މިމަހުގެ އިތުރުން، ރާއްޖޭގެ ފުން ފަރުތަކުގައި (50-150 މީޓަރާއި ދެމެދު) އެކުލެވޭ ދިރުންތައް ދެނެގަތުމަށްޓަކައި "ހޯޕް ފޯރ ރީފްސް އިނީޝިއެޓިވް" ގެ ދަށުން ކެލިފޯނިއާ އެކެޑެމީ އޮފް ސައިންސަސް އާއި ގުޅިގެން އެމް.އެމް.އާރ.އައި އިން މި އަހަރު ކުރެވިފައިވާ މަސައްކަތްތަކުން، ދުނިޔޭގައިވެސް މުޅިން އަލަށް ފެނިފައިވާކަމަށް ބެލެވޭ އަށް ބާވަތެއްގެ މަހުގެ ސާމްޕަލް ނެގިފައިވެއެވެ.

މި މަސްތަކާއި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން ހޯދޭ އައު އެހެން މަސްމަހަށްވެސް ނަން ކަނޑައެޅުމުގައި، އެމަހެއް ތަމްސީލުކުރާފަދަ ދިވެހި ބަހެއް ހިމަނައިގެން ނަން ކަނޑައެޅުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    މަހެއްގެ ނަމުން އެއްތަންކޮޅަށް ރޯސް ކިއީމާ އެބަވޭތަ ރާއްޖޭގެ މަލާ ގުޅުވައިގެން ނަން ދިންކަމަށް. ނަސީބެއްނު ބަޔަކު ނުކުތެ ތި މަސް ރާއްޖެއަށް ފޫޅުނުކެނޑިކަން.

    10
    2
  2. މަޖީދާސ

    ރާއްޖެއާއި ތިމަހަށް ކިޔާނަމާއި ގުޅުނުގޮތެއް ނޭނގުނު.
    "ފިނިފެންމާ" ކިއާނަމަ ގުޅުނީސް.
    ތިކަހަލަ މޮޔަވާހަކަ.
    ތިގޮތަށް ތަރުޖަމާ ކުރަމުންދަނިކޮށްް ދިވެހިބަހުން ކިއާ ނުބައިއެއްޗެއް ދިމާވިިޔަސް އާޓިކަލް ލިޔާތި.

    10
    2
  3. ސަންޕާ

    ތި މަހަށް އަހަރުން ކިޔާނީ "ކަންބަލުންގެ ފިނިފެންމާ"

    13
    1
  4. ސޯލިބޭ

    ތިޔަމަހަށް ނަންދިނީ ގައުމީ މަލާ ގުޅުވައިގެނެއްނޫން. ޕީޕީއެމް އާ ގުޅުވައިގެން.

    10
    2
  5. އަޖާއިބު

    އެއްވެސް ޤާނޫނަކުން ރާއްޖޭގެ ޤައުމީ މަލަކީ ކޮބައިކަން ކަނޑައަޅާފައި ވޭތޯ؟ އަޅުގަނޑަކަށް ނުފެނުނު ކަނޑައަޅާފައި ވަނިކޮށެއް