ނ.މަނަދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެވެ.

އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަމީން މުޙައްމަދެވެ. އިސްލާމިކް މިިނިސްޓްރީގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

އެއް އަހަރު ތެރޭގައި އެއް ފަންގިފިލާއަށް ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދިވެހި ދައުލަތުން 15.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މިސްކިތެކެވެ.

އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް ޢިމާރާތް ކުރަން ނިންމީ މިވަގުތު އެރަށުގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ އާއި އަލަށް އާބާދުވާ ހިސާބުގައި މިސްކިތެއް ނެތުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    އެމްޑީޕީ ބޮޑުން ރުޅިގަދަވާނެ

    • اکف

      މޑޕ ރުޅިއަންނާނެއް

  2. ސަންފާ އާދަމް

    ޝުކުރިއްޔާ އެމް.ޕީ އަހުމަދު ހާރޫން.