ށ. ބިލެއްފަހި ބަނދަރުގެ 77 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބިލެއްފަހީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 77 ޕަސެންޓް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

ބިލެއްފަހީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ އިތުރަށް 1،150 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ނިމުމާއެކު ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ހައްލުތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތައް މަޝްރޫއެއް ކާމިޔާބު ކަމާއެކު ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު