ރިސޯޓްތަކުގައި މަސައްކަތް ކުރާ %66.9 މުވައްޒަފުން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ރިސޯޓް މުވައްފަޒުންގެ ވެކްސިނޭޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 46،455 މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އެއީ %99 މީހުންނެވެ.

ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 45،540 މީހުންނެވެ. އެއީ ރިސޯޓް މުވައްޒަފުންގެ %97.1 މީހުންނެވެ. ބޫސްޓާ ޑޯޒް %66.9 މުވައްޒަފަކު ފުރިހަމަ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 398،348 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެއެވެ. އަދި 371،439 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.

މިހާތަނަށް ބޫސްޓާ ޖަހާފައި ވަނީ 143،477 މީހުންނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.