ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާކީ ކުރަން އުޅޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވުމާއި ގުޅިގެން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.

މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ. އެތެރޭގެ އިންތިހާބުތަކާއެކު އެ މަންޒަރު ވަރަށް ބޮޑަށް ސާފުވެފައެވެ.

އެގޮތުން ނަޝީދުގެ ތާއީދާއެކު އިންތި ޗެއާޕާސަން ކަމަށް ވާދަކުރައްވާއިރު ދެން ވާދަކުރައްވަނީ ރައީސް ސޯލިހްގެ އެންމެ އަރިސް އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. މެމްބަރު ނިހާދަކީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒްގެ ފަހަތުގައި ހުންނެވި މެމްބަރެކެވެ.

ގއ.ދެއްވަދޫ އަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި އިންތި ވިދާޅުވީ ނަޝީދު އެޕާޓީން ބާކީކޮށް، ބޭރުކޮށްލަން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ޕާޓީން ބާކީކޮށް، އެއްފަރާތް ކުރަން މަސައްކަތް ކުރާ ކަމަށް އިންތި އާއި އޭނާގެ ކެމްޕޭން ޓީމުން އަބަދުވެސް ތުހުމަތު ކުރައްވައެވެ.

އެކަމަށް ރައްދުދެއްވަމުން ފައްޔާޒަށް ތާއީދުކުރައްވާ ނިހާދު މިއަދު ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބާކީ ކުރާކަށް އެކަކުވެސް ނޫޅޭ ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ބޭނުން ކުރައްވައިގެން ޕާޓީ ފިތުނަ ކުރަން މަސައްކަތް ކުރުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

"ތިޔަފަދަ ފިތުނައިގެ ސަބަބުން ޕާޓީއަށް ލިބޭނީ ގެއްލުން. ރިވެތިކޮށް އުޅުއްވާ. ދޮގު ނުފަތުރާ" ރައީސް ނަޝީދު ބާކީ ކުރަން އުޅޭ ވާހަކަތައް ދޮގު ކުރައްވާ ރައީސް ސޯލިހްގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ހުވަދު އަތޮޅުގެ ރަށްތަކުގައި އިންތިގެ ޓީމުން ކުރަމުންދާ ކެމްޕެއިންފައި އިއްޔެ ހަވީރު ގއ.ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ ދެފަޅިކޮށްލަން ނުވަތަ ކަފިކަފި ކޮށްލަން ބަޔަކު މަސައްކަތް ކުރާތަން ފެންނަ ކަމަށެވެ. މިފުރުސަތު ދީފިކަމަށް ވަނީނަމަ، އެމްޑީޕީއަށް ގުރުބާން ވެވަޑައިގެންނެވި ބޭފުޅުންގެ މަސައްކަތް އެދިޔައީ ފަހަތަށް ކަމުގައި އިންތި ވިދާޅުވިއެވެ.

"މިޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭރުކޮށްލަން ނުވަތަ ބާކީކޮށްލަން އަަޅުގަނޑުމެން ޖާގައެއް ނުދޭނަން. މީވަރަށް މުހިންމު ވަރަށް ނާޒުކު ވަގުތު ކޮޅެއް، ހުރިހާ ބޭފުޅުން މިކެމްޕެއިންގެ ބައިވެރިވެވަޑައިގެން މަސައްކަތް ކޮށްދެއްވުމަކީ، ވަރަށް ބޮޑަށް މިޕާޓީ އައިގެން ކުރިޔަށް ދިއުމަށް ބޭނުން ވާކަމެއް." އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަކަތަކާއި ގުޅިގެން ސަރުކާރު ފެކްޝަނަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ރައްދުދެއްވާ ވާހަކަ ދައްކަވަމުންނެވެ. އަދި އެއްވެސް ބަޔަކު ރައީސް ނަޝީދު ބާކީކުރަން ނޫޅޭ ކަމަށް ވިދާޅުވެ އެވާހަކަތައް ދަނީ ދޮގުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ނަސީދު އައުޓް އައުޓް

    7
    1
  2. ސަން

    އިންތިއަކީ އިތުބާރުހިފޭ މީހެއް ނޫން

    7
    1
  3. އަލީީ.

    އިންތިއަށް ތާއީދެއްނެތް. މިކަން މިފަހަރު ވަރަށް ސާފު.