ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިސޯބެއް ކަނޑައަޅަ އެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި ކަނޑައެޅީ 6878.20 ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 7241.15 ރުފިޔާ ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު މުދަލު ޒަކާތުގެ ނިސޯބު މި ވަނީ ބޮޑުކޮށްފަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2020 އޯގަސްޓް މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވަނީ 33.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި 44 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. 2020 ވަނަ އަހަރުގެ އޯގަސްޓް މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 8.3 މިލިއަން ރުފިޔާ ދެއްކިއިރު، 2019 އަހަރުގެ އޯގަސްޓް މަހު ދައްކާފައިވަނީ 9.5 މިލިއަން ރުފިޔާ އެވެ.

މީރާ އިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ވަނީ މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ބަދަލު ކޮށްފަ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑައެލޯގް

    އަނެއްކާ މިވެރިން ފަރުޟު 5 ނަމާދުގެ އަދަދު ބަދަލުނުކޮށްފިއްޔާރަގަޅެވެ. ކޮށަފާނެއެވެ. އެއީ މިސަރުކާރު ހިންގަނީ ހުޅަގުންބުނާގޮތަށެވެ.

    5
    4
  2. ޝީޒާ

    ޒަކަތް ދޭއިރު ހައްޤްވާ މީހުންނަށް ދޭނަމަ މާރަނގަޅުވާނެ.

  3. ކާފަބޭ2020

    ނިޞާބު ބަދަލުވީކީނޫން ބަދަލުވީދިވެހިރުފިޔާފައިސާގެއަގު!

  4. އަިޮލ

    ކާބޯ ތަކެތީގެ އަގު ތައް ބޮޑު އެކަމު ވޭޖް ބޮޑެއް ނުވެ؟؟