ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް "ގަނޑުކޮށް" ގެނައުމުގެ ހަރަކާތް ފަށައިގެން ކުރިއަށް ގެންދާ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަނީ ސީރިއަސް ވިސްނުމެއްގައި ކަމަށް ނުބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އެ އެކުލެވުން ބަދަލުކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޕީޕީއެމް ޕީއެންސީން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެ ބިލުތައް ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.

އެ ފަހަރުތަކުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް މެންބަރުން ވިދާޅުވަމުން ގެންދެވި ވާހަކައަކީ ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތައް ގެންނަންވީ އެކުގައި ކަމަށެވެ. އެ ކަމަށް ޓަކައި ނަޝީދު ވަނީ އޮގަސްޓް މަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް ވެސް އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ.

ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ ބައެއް އިސްލާހުތައް ދަނީ ހާމަކުރައްވަމުންނެވެ. މި ގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ލާޒިމުވާ ދަށް މިންގަނޑު 30 އިންސައްތައަށް ކުޑަ ކުރުމަށާއި، މަޖިލީހުގެ އެކުލެވުން ވަރަށް ބޮޑަށް ބަދަލު ކުރަން ނަޝީދު ބޭނުންފުޅުވެއެވެ.

މި އިސްލާހުތަކާއި ގުޅޭ ގޮތުން އަލީ ހުސައިން "ވަގުތު" އަށް ވިދާޅުވީ، ރައީސް ނަޝީދު ހުށަހަޅުއްވާ ބައެއް ޚިޔާލުތަކަކީ ގެންނަން ވަރަށް ވެސް ރަނގަޅު ޚިޔާލުތަކެއް ކަމަށެވެ. އެކަމަކު މި އިސްލާހުތައް ގެންނަން އެއްވެސް އިޚްލާސްތެރި ކަމެއް އޮތް ކަމާއި މެދު އަލީ ސުވާލު އުފައްދަވައެވެ.

އެ ގޮތަށް ސުވާލު އުފައްދަވަން ޖެހޭ ސަބަބަކަށް އަލީ ހުސައިން ވެސް ފާހަގަ ކުރައްވަނީ ޖޭއެސްސީ އިސްލާހު ކުރުމުގެ ވައުދު ނުފުއްދައި ސިޔާސީ މީހުނާއި އެކު ޖޭއެސްސީއާއި ޖުޑިޝަރީގެ ކަންކަން ގެންދިއުމެވެ. އެހެންވެ ނަޝީދުގެ ވާހަކަތައް އަލީ ސިފަކުރެއްވީ "ހުސް ވާހަކަތަކެއް" ގެ ގޮތުގައެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ ރައީސް ނަޝީދު އެހާ ސީރިއަސްކޮށް ދައްކާ ވާހަކަތަކެއް ހެން، އެމަނިކުފާނު އެ ކަމަށް ސީރިއަސް ނަމަ، މަޖިލީހުގައި އެ ކަން ފަށާނެ، މަޝްވަރާ ބައްދަލުވުންތައް ފެންނާނެ، ހުރިހާ ޕާޓީތައް އެއްތަންކޮށް މަޝްވަރާ ކުރާ ތަން ފެންނާނެ،" އަލީ ހުސައިން ވިދާޅުވިއެވެ.

ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިތާ 14 އަހަރެއްހާ ދުވަސް ވާން އުޅޭއިރު، ގާނޫނު އަސާސީ "ރީފޯމް" ކުރުމުގެ ހަރަކާތެއް ފަށަން ޖެހޭ ކަމަށް އަލީ ހުސައިން ވެސް ގަބޫލު ކުރައްވައެވެ. އެކަމަކު އެ ކަމުގެ އަމަލީ މަސައްކަތެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާ ކަންކަން ފާސްވެއްޖެނަމަ އޭގެ ރަސްމީ މަސައްކަތް މަޖިލީހުގައި ފަށައިގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އޭގެ ކުރިއަށް ނަޝީދު ވަނީ ވެރިކަން ކުރުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވެސް މަސައްކަތް ކުރައްވައިފައެވެ.

ނަމަވެސް އެމްޑީޕީގައި މިހާރު ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން ވެސް މަދެއް ނޫނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ނަޝީދަކީ އެއްއިރެއްގައިވެސް އިސްލާހަކަށް އުޅުނު މީހެއް ނޫން. އެއީ ލާދީނީ އެޖެންޑާ އާއި މައުމޫނުގެ ވެރިކަމުގެ ދަހިވެތިކަމުގައި އުޅުނު މީހެއް

    11
  2. ހުސޭނުބޭ

    ކޮން ޒަމާނެއްގައިތަ މީނަ ކަމެއް އިސްލާޙްކުރަން އުޅުނީ. މުޅީންވެސް ކޮށްފައި ހުރީ ފަސާދަ.

    10
  3. ކޮއިމަލާ

    އަންނީ ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ދެން ކަލޭ އަނގަ އަރުވާނެކަމެއްނެތް، ކަލޭ މައުމޫނުހެދި ނިމިއްޖެ އަމިއްލަ ޖާހު ބޮޑުކުރަން ހުރިހާ ދޮގަކާ މަކަރެއް ހަދަނީ... ކަލޭ ކިޔާ އެއްވެސް އެއްޗެއް، ހަމަ އެކެއްޗެއްވެސް އަޑުއަހާކަށް ދެން ބޭނުމެއް ނޫން..