ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންވާ ކޮންކްރީޓް ގާތަށް އެރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި މިހާރު ގައު އެތުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީ އިން މިއަދު ވިދާޅުވީ މިމަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 373 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން ހިމެނޭ ކަމަށެވެ.

އަދި 1,470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫޢަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.