އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މީދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒް އަލީ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިލް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 1،848 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި 210 މީޓަރުގެ ސަރަހައްދެއްގައި ޖީއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 5.8 މިލިއަން ރުފިޔާއަށެވެ.