ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންގޮސްފިއެވެ.

ތިމަރަފުށީ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް އާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠު، އަދި ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުގެ މައްޗަށެވެ.

މި މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ހެކި ރައްކާތެރި ކުރުމާއި ގުޅޭ ގޮތުން ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ބެހޭ ގޮތުން ގޮތް ނިންމާފައެވެ. މިގޮތުން ދިފާއުން ވަނީ މި މައްސަލައިގައި ދިފާއެއް ބިނާކުރުމަށް ތަހުގީގު ބަޔާންތައް ކޮންމެހެން ބޭނުންވާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ބަޔާންތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް އުނިކުރުމަށްފަހު، އެ ބަޔާންތައް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ދިފާއީ ވަކީލުން ވަނީ އެދިފައެވެ.

މީގެ އިތުރުން ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ކޯޓަށް ގޮސް އަބަދު ލިޔެކިޔުންތައް ބަލަން ޖެހުމަކީވެސް ދަތިވާ ކަމެއްކަމަށް ވެސް ދިފާއީ ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ. ދިފާއަށް ރައްދުދެއްވާ ދައުލަތުން ވިދާޅުވީ ބަޔާންތަކުގެ މައުލޫމާތުތަކަކީ އޭގެ ޒާތުގައި ހެކިވެރިންގެ މައުލޫމާތުތައް އެނގޭނެފަދަ މައުލޫމާތުތަކެއް ކަމަށާއި، އެފަދަ މައުލޫމާތުތައް ބަޔާނުން ސިއްރު ކުރާނަމަ، މުޅި ބަޔާނުގެ ބޮޑު ބައެއް ސިއްރުކުރަން ޖެހިދާނެކަމަށެވެ.

ސިއްރު ހެކިން ހުށައަޅާ ސަބަބުތައް ދައުލަތުން ބަޔާންކޮށްދީފައިވާނެ ކަމަށާއި، އެ ސަބަބުން ދިފާއުވުމަށް ދިފާއަށް ފުރުސަތު އެބައޮތްކަން ފާހަގަ ކުރައްވާ ދައުލަތުން ވަނީ ހެކި ސިއްރުކުރުމަށް ވަކާލާތު ކޮށްފައެވެ. މިގޮތުން މިކަމުގައި ޝަރީއަތުން ވިދާޅުވީ ސިއްރު ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް އެއްކޮށް ސިއްރު ކުރުމަކީ ދިފާއު ބިނާ ކުރުމަށްޓަކައި ލިބޭ ހައްގަށް އުނިކަން އަންނާނެކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ވުމާއެކު، ހެކިންގެ ވަނަވަރާއި، ހެކިވެރިންނަކީ ކޮން ބައެއްކަން އެނގޭނެ ފަދަ މައުލޫމާތު އުނި ކުރުމަށްފަހު، އެ ބަޔާންތައް ދިފާއަށް ހިއްސާ ކުރުމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު ވަނީ ނިންމަވާފައެވެ. ނަމަވެސް، ދައުލަތުން ހުށައަޅާފައިވާ ސިއްރު ހެކިންގެ އިންޓަރވިއު ރެކޯޑިންގ ސިއްރު ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭގޮތުގައި ދައުލަތުން ހުށައަޅާފައިވާ ބައެއް އިތުރު ހެކިތައް ވަކި މިންވަރަކަށް ހާމަ ކުރުމަށް ދައުލަތުންވެސް އިއުތިރާޒު ކޮށްފައެއް ނުވެއެވެ. މިގޮތުން ދައުވާ ލިބޭ ފަރާތްތަކާއި ބެހޭ ރިޕޯޓުތައް ވެސް ތައްޔާރުކުރި ފަރާތުގެ ނަން އުނިކުރުމަށް ފަހުގައި ހާމަ ކުރުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

އަދި ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ތަރުޖަމާތަކެއްވެސް (އިސްލާމިކް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ) ހިމެނޭއިރު، އެ ސިއްރު ކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ. ނަމަވެސް އެ ސިޓީ ތަރުޖަމާކުރި ފަރާތުގެ ނަން އުނި ކުރުމަށްފަހު އެ ސިޓީވެސް ހާމަ ކުރުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

މިގޮތުން އައިސިސް ޖަމާއަތުން ދިވެއްސަކު އަމީރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވާކަން ބަޔާންކޮށްފައިވާ ލިޔެކިޔުމެއްވެސް ހިމެނެއެވެ. އެ ހެކީގެ ބައެއް މައުލޫމާތުތައް އުނިކުރުމަށްފަހުވެސް ދިފާއަށް ލިޔެކިޔުންތައް ހަވާލު ކުރުމަށް ދައުލަތުން ދެކޮޅު ހަދައެވެ. ނަމަވެސް އެ ހެކިވެސް ތަރުޖަމާ ކުރި ފަރާތުގެ ނަން އުނި ކުރުމަށްފަހު ހާމަ ކުރެއްވުމަށް ގާޒީ ނަދީމް ވަނީ ނިންމަވާފައެވެ.

މައްސަލައިގެ ތަހުގީގު ބަޔާންވެސް އެއްކޮށް ސިއްރު ކޮށްދިނުމަށް އެދިފައިވާއިރު، ހެކި ރައްކާތެރި ކުރުމަށް ދައުލަތުން އެދިފައިވާ ގޮތަކީ، ބަޔާންތައް ސިއްރުކޮށް، އެއީ ކޮން ހެކިންތަކެއްކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމެވެ. ނަމަވެސް ޝަރީއަތުން ނިންމާފައިވަނީ އެ ހެކިތައް ވެސް ހާމަކުރުމަށެވެ.

ބޭރުގެ އިންޓެލިޖެންސް ރިޕޯޓެއްވެސް ހެކީގެ ގޮތުގައި ހިމެނޭއިރު، ހެކި ޝަރުއީ މަރުޙަލާގައި ބޭނުން ކުރެވޭނެ ގޮތް ވަންދެން އެ ހެކިތައް ހާމަ ނުކުރުމަށް ދައުލަތުން އެދެއެވެ. އެއީ ބޭރުގެ އިންޓެލިޖެންސް އިދާރާއަކުން ތައްޔާރު ކޮށްފައިވާ ލިއުމެއް ކަމަށްވާތީ ޝަރީއަތަށް ހިއްސާ ކުރެވޭ މިންވަރަށް ހިއްސާ ކުރުމަށެވެ. ނަމަވެސް އެ ހެކި އަދި ކޯޓަށް ހުށަހެޅިފައިނުވާތީ އެކަމާ މެދު ޝަރީއަތުން ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

މީގެ އިތުރުން ދެން ހިމެނެނީ 14 އިންޓެލިޖެންސް ރިޕޯޓަކާއި، އަށް އެނެލިޓިކަލް ރިޕޯޓުތަކެކެވެ. މި ރިޕޯޓުތައް ޝަރުތުތަކަކާއެކު ޝަރީއަތް މެދުވެރިކޮށް ބެލޭނެ ގޮތް ހެދުމަށް ދައުލަތުން އެދެއެވެ.

ނަމަވެސް މި ރިޕޯޓުތަކުގައި ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ މައުލޫމާތެއް ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަ ކުރެއްވުމަށް ޝަރީއަތުން ވަނީ ނިންމަވާފައެވެ.

ހެކި ސިއްރުކުރުމާއި ބެހޭ ގޮތުން ދައުލަތުން ހުށަހެޅި ހުށަހެޅުންތަކަށް ގޮތް ނިންމާފައިވާއިރު މި މައްސަލައިގައި ދެން އޮންނާނީ ލިޔެކިޔުންތައް ހަމަ ކުރުމަށް ބާއްވާ އިޖުރާއީ އަޑުއެހުމެކެވެ.