ހއ. އުލިގަމަށް އަންނަ ޔޮޓްތަކާއި އުޅަނދުތަކަށް ހިމާޔަތް ދިނުމުގެ ގޮތުން އެ ސަރަހައްދުގައި ހަތިޔާރު ގުދަން ކުރަން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި މިއަދު މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ހެއްދެވީ ބުހުތާނު ދޮގެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓުތައް ބަނދަރު ކުރަން ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމުގެ ތަސައްވުރުގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.

މި ގަރާރު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސްގައި ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ ބަނދަރުގެ ނަމުގައި އިންޑިއާގެ ހަތިޔާރު ގުދަން ކުރުމުގެ މަސައްކަތެއް ކަމަށެވެ.

ސައީދު އެހެން ވިދާޅުވުމާއި އެކު، ރައީސް ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވައިފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ އުލިގަމުގައި ހަތިޔާރު ބަހައްޓައި ގުދަން ކުރަން ނިންމައި އެގްރިމެންްޓްއެއްގައި ސޮއި ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ.

"އެ އެގްރިމެންޓަކީ ރައީސް ޔާމީންގެ ސަރުކާރުން ސޮއިކުރެއްވި އެގްރިމެންޓްއެއް، އުލިގަމަށް އަންނަ ޔޮޓްތަކަށް ހިމާޔަތް ދިނުމުގެ ބޭނުމުގައި ކަމަށް ފާހަގަކޮށް ހަތިޔާރު ބަހައްޓަން، އޭގައި ސޮއިކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ތުހުމަތާއި ގުޅިގެން އެކަން ދޮގުކުރައްވާ ކުރެއްވި ޓުވީޓެއްގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ނަޝީދު ހައްދަވާފައިވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރުކަމުގައި އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅަށް ފަހުގައި ސައީދަށް ދެން ފުރުސަތު ދެއްވުމުން ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއި އެކު މަޖިލީހުގައި ތިއްބަވާ ތިލަދުންމަތީގެ ދާއިރާތައް ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި އެ އެގްރިމެންޓް އޮތް ކަމަށް ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަފޯ) ވިދާޅުވީ ހަތިޔާރު ގުދަން ކުރުމުގެ އެގްރިމެންޓްއެއް އެބަ އޮތް ކަމަށެވެ. އެގްރިމެންޓަށް ސަރުކާރުން އަމަލު ނުކޮށްފިނަމަ އެތައް މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މެރިޓައިމް ސެކިއުރިޓީ ދެވޭނީ ވެސް ހަތިޔާރު ގުދަންކޮށްގެން ކަމަށާއި އެ ގޮތުގެ މަތިން މޯލްޓާ ކުންފުންޏަކާއި އެކު އެއްބަސްވުން ވެފައި އޮތް ކަމަށެވެ. ފަހުން އެ އެއްބަސްވުން އުވާލަން އުޅުނީތީ ބަދަލު ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ

އެފަދަ އެއްބަސްވުމެއް އޮތް ނަމަ، ހާމަ ކުރަން ސައީދު ގޮވާލެއްވިއެވެ. މަޖިލީހުގެ ރައީސް ނަޝީދު ދެން ވިދާޅުވީ އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ގެނެސް ހުރިހާ ރައްޔިތުންނަށް އެ ހާމަކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލަމްއާން

    ނަޝީދަކީ އެއްވެސް އިރެއްގައި ތެދެއް ހެދި މީހެއްބާ؟ އާދަމް ޝަރީފްވެސް މިހާރު ތިޔަ ދަށްކާ ވާހަކަ ދޯ؟ ނަޝީދުގެ ސިޔާސީ ކެރިއަރު މިހާރު އެބަނިމޭ ވަރަށް އަވަހަށް. އޭނާ ފެއިލްވެއްޖެ. އެނާ ދެން ގޭގަ މަޑުން ހުރުން އެންމެ ބުއްދިވެރީ. ނޫނީ އޭނާގެ ގައުމަށް އަނބުރާ ދިއުން. އަހަރެމެން ދިވެހީންނަށް ދިވެހީންގެ ގައުމް ހަވާލު ކޮށްފަ.

    23
    1
  2. ޖާނޭ

    އަވަސްކޮށްދެއްވާ ކޯން ސައްޗާ ކޯން ޖޫޓާ އެގެން އެބަޖެހޭ. ނަޝިދަކަށް ނުޖެހޭނެ ޔާމީނު ދިފާއުކޮށްދޭކަށް

    17
  3. އިންޑިއާ މިލިޓަރީ އައުޓް

    ތީގެން އެކަކުވެސް ނުހަދާ ދޯ ދޮގެއް،، މީ އަޅެ އަރަތެންނު.

    15
  4. އަޙްމަދު

    އެނާ ދޮގެއް ހެދެން އޮއްވާ ތެދެއްނަހަދާނެ!

    30
  5. ދޮގުހެދީ ޖުހާ

    ނަޝީދު އެބުނީ އިނދިކޮޅަށް. މި ސަރުކާރުންވަނީ ތިކަންކޮށް ނިންމާފައި.

    18
  6. އުމަރު

    ދޮގުހެދުމަކީ އޭނަގެ ހޮބީއެވެ އެކަން އޭނަކުރާނެއެވެ ދޮގުބުނާއިރު އޭނަޖެހިލުމެއް ނުވާނެއެވެ ﷲ ތައާލާއަށް ބިރުވެތިވާށެވެ އޭރުން އެކަމުން ބަރީއަވެވޭނެއެވެ.

    20