އައްޑޫ ސިޓީ ހިތަދޫއަށް އުފަން، މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އެރަށު ބުރުނީގެ އަލީ އަބްދުﷲ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބުނު މީހެއްގެ މައްޗަށް ހަ އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވި އިރު، އެ ހުކުމުގެ މުއްދަތަށް އޭނާ ބަންދުގައި ހުރެފައި ވާތީ ހުކުމާއެކު މިނިވަންވެއްޖެއެވެ.

މި މައްސަލައިގައި އެނގިހުރެ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ކުރީ ސ.ހިތަދޫ ނަޝީދީގެ މުހައްމަދު ޝިފާޒުގެ މައްޗަށެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދާތާ އެތައް އަހަރެއްވެއްޖެއެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ވެސް ނޮވެމްބަރު 2016 ގައެވެ.

ހިތަދޫގައި ފިހާރައެއް ހިންގި އަލީ އަބްދުﷲ މަރާލައި، ޗަސް ބިމަކަށް އެއްލާލާފައި އޮއްވައި ފެނުނީ މާޗް 2، 2016 ގައެވެ. އޭނާ މަރާލީ ފައިސާ އާއި މުދަލުގެ ދަހިވެތިކަމުގައި ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.

ޝިފާޒްއާ ދެކޮޅަށް މި ދައުވާ ކުރީ އަލީ އަބްދުﷲ މަރާލުމުގެ ކުށް މީގެ ކުރިން ސާބިތުވެފައިވާ ސ. ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހިމް ދީދީ ބުނެގެން، ހިތަދޫ ސްކޫލް ކައިރިއަށް އަލީ އަބްދުﷲ ގެންގޮސްފައިވާތީއެވެ. އަލީ އަބްދުﷲ މަރާލާފައި ވަނީ އެތަނަށް ގެންދިއުމަށް ފަހު އޭނާގެ ކަރުގައި ވާގަނޑެއް އޮޅައި ބާރުކޮށްގެންނެވެ. އެކަން ކުރީ އަހުމަދު އިބްރާހިމް ދީދީ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ޝިފާޒް ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. ޝަރީއަތް ފެށުމުން ޝިފާޒް ވަނީ ދައުވާއަށް އިންކާރުކޮށް، އޭނާގެ ފަރާތުން ދެން ވާހަކަ ދައްކާނީ ވަކީލެއް ކަމަށް ބުނެފައެވެ. އަދި ދައުލަތާއެކުގައި އިއުތިރާފް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ޝިފާޒް ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ވަރަށް ގިނަ ހެކިތައް ޝިފާޒްއާ ދެކޮޅަށް ހުށަހެޅިއެވެ.

ދައުލަތުން ބުނީ އަހްމަދު އިބްރާހިމް ދީދީ އެންގި ގޮތަށް ހުން ނޫޅޭ ފަޅު ހިސާބަކަށް އަލީ އަބްދުﷲ ގެންދިއުމަށް ޝިފާޒަށް 30،000ރ. ހުށަހެޅި އިރު، އޭނާ އެކަން ކޮށްދިނީ ބައި ލައްކަ ރުފިޔާ އަށް ކަމަށެވެ.އެހެންވެ މިކަމުން ވެސް ކުށް ކުރުމުގެ ނިޔަތް ޝިފާޒްގެ ކިބައިގައި އޮތްކަން ސާފުވާ ކަމަށް ބުނެފައިވެއެވެ.

ހެކިބަސް ދިން ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މި ފައިސާ ވަނީ ޝިފާޒް ތަހުގީގުގައި އެއްބަސްވެ އެ ހުރި ތަން ފުލުހުންނަށް ދައްކައިފައެވެ. ޝިފާޒަށް ދިން ފައިސާ ފޮރުވާފައި ހުރީ އޭނާ ދިރިއުޅުނު ނަޝީދީގޭގެ ގޯތި ތެރޭގައެވެ. ކޮތަޅެއްގައި ހުރި އެ ފައިސާތައް ގުނިއިރު، އޭގައި 40،095ރ. އަދި 70 ޑޮލަރު ހުއްޓެވެ.

ދައުލަތުން ވަނީ ދައުވާ ސާބިތުކުރަން ތަހުގީގަށާއި އިބްތިދާއީ އަޑުއެހުމުގައި ޝިފާޒް ދިން ބަޔާނާއި އަލީ އަބްދުﷲ މަރާލި ރޭ ދަންވަރު "ޓޫވޭ" ފިހާރަ (އަލީ އަބްދުﷲ ގެ ފިހާރަ) ޝިފާޒް ނުކުމެގެން ދަނިކޮށް ފެނުނު މީހުންނާއި އަލީ އަބްދުﷲ އާއެކު ޝިފާޒް އެ ރޭ ދަންވަރު އުޅެނިކޮށް ފެނުނު މީހުން ހެކި ބަސް ދީފައެވެ.

ގާޒީ ސަފްއަތު ހަބީބް ކުރެއްވި ހުކުމުގައި ވަނީ އިއުތިރާފު އެއްބަސްވުމަށް އިންކާރު ކުރި ނަމަވެސް، ތަހުގީގުގައި ޝިފާޒް ދިން ބަޔާނާއި، ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުގައި ހުރި ވާހަކަތަކާ، ދައުލަތުން ހުށަހެޅި ހެކިންގެ ވާހަކަތަކާ އަދި ކިތާބީ ހެކިތަކާ ގުޅުވާލެވޭ ކަމަށެވެ.

އަދި ޝިފާޒްގެ މައްޗަށް ކުރި ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި މި ކުށުގެ އަދަބެއްގެ ގޮތުން ހަ އަހަރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ތަހުގީގު މަރުހަލާއިން ފެށިގެން ޝިފާޒް ހުރީ ބަންދުގައި ކަމަށް ވާތީ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އޮންނަ ގޮތަށް އެ މުއްދަތު ގުނުމުން ހުކުމުގެ މުއްދަތު ހަމަވެފައި ވާތީ، ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށް ހުކުމުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގިޔާމަތް

    ދެން އޮތީ ގިޔާމަތް ދުވަހުގެ ހުކުމް.ރޮއިހޭރޭނެ އެ ގަދަފަދަ އަޒާބުގެ ތެރެއަށް ހުށަހެޅިގެން ދާވަގުތު. އެއީ އިންސާފު ލިބޭނެ ދުވަސް

    12
  2. ހަސަނުލް

    ށ
    ޞަދޫމް ގެ ޝަަރިޢަތް

  3. ދޮހިކަރު

    ކުއްވެރިން ދޫކޮއްލާ. އޭރުން އަނެއްކާ ކުއް ކުރާނީ. ގިނަ މީހުން މަރަން ފުރުސަތު ލިބި މުޖުތަމަޢު ބިރުވެރިކަމަށް ހުށަހެޅޭނީ. އެއްވަނައިގެ ޖަސްޓިސް ސިސްޓަމް އެއް.

    8
    1
  4. ތޭރިއެމްވީ

    ރާއްޖޭގައި ޝަރީޢަތްތައް ކުރިޔަށްދާލެން ބާރުމިން ދޭހަވެގެންދާ ޚަބަރެއް. ޝަރުޢީ ދާޢިރާގެ ޙާލަތު.

  5. ޢިޔާބު

    ޝަރުޢީ ނިޒާމުގެ ދޯހަޅިކަން. މައްސަލައިގެ ހުކުމުން ސަލާމަތް ވީ ނުކުރާ ހުމެއް ތަންފީޒްކުރަން ޖެހުމުންކަމަށް ބުނެ ކުއްވެރިޔާ މިނިވަންކޮށްލީ.