ކުރިޔަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގެ އާބާތުރަ ފިލުވަން 21.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީން ކުރަން ތައްޔާރުވެފައިވާ ކަންތައްތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ސަރުކާރުން 15 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މިސްކިތްތަކުގެ ފަންޑުން 6.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާ ކަމަށާއި އެހެންނަމަވެސް ބައެއް މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ރޯދަމަހުގެ ނިޔަލަށް ނުނިމިދާނެ ކަމަށެވެ.

މާލޭގެ އިސްލާމީ މަރުކަރުގައި ވެސް މަރާމާތުތަކެއް ކުރިއަށްދާއިރު، އެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން ހާމަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ މަރުކަޒު ވަށައިގެން އާބާތުރަ ފިލުވައި މަތީގައި ވެސް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ. އަދި އާބާތުރަ ފިލުވުމުގެ ގޮތުން އިސްލާމީ މަރުކަޒު ބޭރު ފާރުތައް ދޮވެ ސާފު ކުރުމާއި، މިހުރާބުގޭގެ ކެލިގްރަފީ އާކުރުމުގެ އިތުރުން އަންހެނުން ނަމާދުކުރާ ބައިގައި އިތުރު ފަންކާ ހަރުކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރޯދަމަހާ ދިމާކޮށް ކިންގް ސަލްމާން މިނިސްކިތާއި، ލ. މަތިމަރަދޫގައި ޒަކާތު ފަންޑުގެ ދަށުން އަޅާފައިވާ މިސްކިތް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. މިއީ ޒަކާތު ފަންޑުގެ ދަށުން ބިނާކުރި ފުރަތަމަ މިސްކިތެވެ.

އަދި ހުޅުމާލެ ދެވަނަ ދިޔަވަހީގައި ބިނާކޮށްފައިވާ ދެވަނަ ވަގުތީ މިސްކިތް ބުރާސްފަތި ދުވަހުގެ އަސުރު ނަމާދަށް ހުޅުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިކަމެއް ނުފެނޭ.

  2. ތުނބުޅި

    ހއ. ދިއްދޫގަ ތިޔަކަން ކުރަނީ މީހުންކައިރީގަ ސަލާން ޖަހައިގެން

    1
    1
  3. ރަން ރީނދޫ

    700 އެއްހާ މިސްކިތުގެ މަސައްކަތްތައް އެންމެ 21 މިލިއަން.