މިއަހަރު ރާއްޖޭގައި އެއްވެސް ފަގީރަކު ނެތް ކަމަށް ރަޖިސްޓްރީ ވެފައިވާ 42 ރަށެއް އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޞާން މަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ އަހަރު ފަގީރުންގެ ދަފްތަރުގައި 9041 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށާއި އެއީ އަތޮޅުތެރެއިން 7245 މީހުން އަދި މާލެއިން 1799 މީހުން ކަމަށެވެ.

މިއަހަރުގެ ލިސްޓުގައި 42 ރަށަކުން އެއްވެސް ފަގީރަކު ރަޖިސްޓަރ ވެފައިނުވާއިރު މިދިޔަ އަހަރު އެއްވެސް ފަގީރަކު ނެތް ކަމަށް މިނިސްޓްރީ އިން ބުނެފައި ވަނީ 45 ރަށެވެ.

މީގެ އިތުރުން އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާއިރު މިއަހަރު ބަދަލެއް ގެނެސްފައިވާނެ ކަމަށް ވެސް މިނިސްޓަރ ޑރ. ޒާހިރު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މީގެ ކުރިން، ޒަކާތް ދައްކާއިރު އެމީހަކު ޒަކާތް ދައްކަން ބޭނުންވާ ވަކި ރަށެއް އިހުތިޔާރު ނުކުރެވޭ ކަމަށެވެ. އެކަމަކު މިއަހަރު މާލޭގައި ހުންނަ މީހާއަށް ވެސް އޮންލައިންކޮށް އެމީހެއްގެ އަމިއްލަ ރަށް އިހުތިޔާރުކުރުމަށްފަހު އެރަކަށް ޒަކާތް ދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އެގޮތަށް ވަކި ރަށަކަށް ޒަކާތް ދައްކާނަމަ އެ ފައިސާ އެރަކަށް ފޮނުވާނެ ކަމަށާއި އޮންލައިންކޮށް ބީއެމްއެލް އޮންލައިން ޕޯޓަލް، އުރީދޫ އެމް ފައިސާ، ދިރާގު ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަ މިންވަރު

  • އާދައިގަ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 77 ރުފިޔާ
  • ރަތް ހަނޑޫ: 72 ރުފިޔާ
  • އާދައިގެ ބާސްމަތީ ހަނޑޫ: 77 ރުފިޔާ
  • މޮޅު ބާސްމަތީ ހަނޑޫ: 90 ރުފިޔާ
  • އެންމެ މޮޅު މާސްމަތީ ހަނޑޫ: 132 ރުފިޔާ
  • އާދައިގެ ފުށް: 12 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

މިއަހަރު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. އަދި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ ރޯދަމަހުގެ 20 ވަނަ ދުވަހުން ނުވަތަ ފަހު ދިހަޔަކުން ފެށިގެންނެވެ. ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒުގެ ހޯލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒޫ

    ފަގީރު އިނގޭނީ ބަލާލީމަ. އަހަރުމެންވެސް ވަޒީފާގަ އެކަމަކު ލާނެ ޖަގިޔާ ގަޑެއްވެސް ނެތް. ފައިސާކޮޅު މެނޭޖްކުރަން ނޭގެނީކީނޫން. ހަމަ ހަރަދު ގިނައީ