ރޯދައަށް ހާއްސަކޮށް 2400 ޓަނަށް ވުރެ ގިނަ މުދާ އައްޑޫ ސިޓީ އަށް ގެންގޮސްފިއެވެ.

ހިތަދޫ ޕޯޓަށް ރޯދައާ ދިމާކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) ގިނަ އަދަދަކަށް ގެންގޮސްފައިވާއިރު މިތަކެތި އެ ސިޓީއަށް ގެންގޮސްފައި ވަނީ ސަރުކާރުގެ، ޝިޕިންގ ކުންފުނި އެމްއެސްއެސްގެ އެމްވީ ބޮންތި2 އިއްޔެގެ ވަގުތެއްގައެވެ.

މިފަހަރު އައްޑޫއަށް ގެނައި ޝިޕްމަންޓް ރޯދައަށް ހާއްސަކޮށްފައިވާ އިރު ގެނައި މުދަލުގެ ތެރޭގައި 8593 ބިސް ކޭސް، 7940 ފިޔާ ބަސްތާ، 2525 އަލުވި ބަސްތާ ހިމެނެއެވެ. މީގެ އިތުރުން، 340 ބަސްތާ ކެބެޖު، 348 ބަސްތާ ޓޮމާޓޯ، 170 ދޮންކެޔޮ ގަނޑު، 110 ބަސްތާ އަލަނާސި ، 24 ބަސްތާ ބަރަބޯ އަދި 980 ބަސްތާ ކަރާވެސް ވަނީ ގެންގޮސްފައެވެ.

ހިތަދޫ ޕޯޓުގެ ޗީފް މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވީ، ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) މިއަދު އެއްކޮށް ކްލިއަރ ކޮށް ދޫކޮށް ނިމެނޭނެ ކަމަށެވެ. އަދި، ގެނައި ތަކެތީގެ ތެރެއިން ގިނައީ އެސްޓީއޯގެ މުދާ ކަމަށާއި އާންމު ވިޔަފާރިވެރިން ރޯދައަށް ހާއްސަކޮށް ގެނައި މުދާތައްވެސް ހިމެނޭކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މިއީ އާންމުކޮށް އައްޑޫއަށް މަހެއްގެ މައްޗަށް ގެންދާ މުދަލުގެ ނިސްބަތަށް ބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ. ޖުމްލަ 2439.334 ޓަނު ކާގޯ މި ބޯޓުގައި އައްޑުއަށް ވަނީ ގެންގޮސްފައެވެ. މީގެ ތެރޭގައި ޕެރިޝަބަލް ގުޑްސްގެ އިތުރަށް 70.88 ޓަނު ޕްރޮޖެކްޓް ކާގޯ އަދި 1000 ބަސްތާ ސިމެންތި ހިމެނެއެވެ.

ކުރިޔަށް އޮތް ދެ ދުވަސްތެރޭ މި ދެ ބާވަތުގެ ކާގޯ ބޯޓުން ބާލައި ކްލިއަރ ކުރެވޭނެކަމަށްވެސް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޔަ

    މިއީ ބިންހިއްކަން ގެންދާ ސާމާނުގެ ބަރުދަން ވެސް ހިމަނާގެން ޖަހާފަވާ އަދަދަކަށް އާހިރުގައި ނުވެހިގައިދާނެބާ ؟

  2. Anonymous

    ނިޝާމާއަށް ދީގެންނުވާނެ.

    • Anonymous

      ލޮލް އެޅާ ހޭނެތިފަ ހުންނާނީ މިހާރު. އައްޑޫ މިހުން މާ ވަރުގަދަވާނެ ތިޔަބުނާ މިހަކަށްވުރެ. ނުފުއްޕޭނެ މިތާކު