އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކުރިޔަސް އެކަން ކުރީ ކުއްޖާގެ ކާފަ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ވަނީ އެމީހާއާ މެދުގައި ފިޔަވަޅު އަޅަން ގޮވާލައިފައެވެ. އަދި އެ ކުއްޖާގެ ކާފަގެ ގޭގެ ދޮރުމަތީގައި ގިނަ ބަޔަކު އެއްވެ އޭނާ ހައްޔަރުކުރުމަށް ވެސް ގޮވާލިއެވެ.

އެ ފިރިހެން މީހާ ފުރުވާލަން އުޅޭ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ގެ ކައިރީގައި ނުރުހުން ފާޅު ކުރަމުން ދަނިކޮށް ފުލުހުން ގޮސް ބާރުގެ ބޭނުންކޮށްގެން އެއްވުން ވަނީ ރޫޅާލައިފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ރޭ އެ ސިޓީން ބައެއް މީހުން ހައްޔަރު ކުރިއެވެ.

މި މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެ މައްސަލަ މިދިޔަ ބުދަ ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު މި މައްސަލައިގެ ތުހުމަތުގައި 59 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށް ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ކުއްޖާ އަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި މެޑިކަލް އެސެސްމަންޓެއް ހަދާފައިވެއެވެ.

އޭގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެސެސްމަންޓްތައް ހެދުމަށާއި ކުއްޖާ އަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނަށް ހިއްސާ ކުރަމުން އަންނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި މައްސަލައާ ގުޅިގެން ހޯދަން ޖެހޭ ހެއްކާއި ގަރީނާ ހޯދައި އިތުރު ފަރާތެއް މި މައްސަލައިގައި ޝާމިލްވޭތޯ ބެލުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުލުހުންގެ ފަރާތުން ކުރަމުން ގެންދާނެ ކަމަށް މި ބަޔާނުގައިވެއެވެ.

"އޭގެ އިތުރުން މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން މައްސަލައާ ގުޅުން ހުރި ފަރާތްތަކާ ތަހުގީގު ޓީމުގެ ފަރާތުން ހިއްސާ ކުރަން ޖެހޭ މައުލޫމާތު ދުވަހުން ދުވަހަށް މި ގެންދަނީ ހިއްސާ ކުރަމުންނެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ފާހަގަ ކުރި ގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގައި ކުޑަ ކުދިންނާ މެދުގައި ހިންގޭ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް އަދި އަވަހަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކެކެވެ.

ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ހާއްސަ ތަމްރީން ލިބިފައިވާ ފުލުހުން ކަމުގައި ވަނީ ކަނޑައަޅައިފައެވެ. އަދި މިފަދަ ހުރިހާ މައްސަލަތައް މޮނިޓަ ކުރުމުގައި ވެސް ހާއްސަ ސަމާލު ކަމެއް ފުލުހުން ދެއެވެ.

އައްޑޫ އިން "ވަގުތު" އާ ވާހަކަ ދެއްކި މީހުން ބުނީ ހައްޔަރު ކުރި މީހަކީ އެ ކަހަލަ ކަމެއް ކުރާނެ ފަދަ މީހެއް ނޫން ކަމަށެވެ. އަދި އެއީ އެކަހަލަ މައްސަލައެއްގެ ރިކޯޑު ވެސް އޮތް މީހެއް ނޫން ކަމަށް އެ ސިޓީ ރައްޔިތުން ބުނެފައިވެއެވެ.

އައްޑޫގެ ސްކޫލެއްގައި 30 އަހަރު ވަންދެން މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ އެ އަންހެން މީހާގެ މައްޗަށް ތުހުމަތު ކުރީ މިދިޔަ ބުދަ ދުވަހު ކުއްޖާ ގޮވައިގެން ފާހާނާ އަށް ދިޔައީ އޭނާ ކަމަށްވާތީއެވެ. އެކަމަކު، އަންހެން ކުއްޖާގެ އާއިލާ އިން ވަނީ ކާފަ މައްސަލައިގައި ބެދުނަ ނުދިނުމަށް އަންހެން މީހާ ފްރޭމްކޮށްފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.

އެ ކުއްޖާ އުޅޭ ސްކޫލްގެ ޓީޗަރުންނާ ހަވާލާދީ ބައެއް މީހުން ބުނީ ސްކޫލަށް ދިޔައިރު ވެސް ކުއްޖާ އުޅެނީ ބަނޑަށް ތަދުވާތީ ކަމަށާއި ހިނގަނީ ވެސް ބަނޑުގައި އަތް އަޅައިގެން ކަމަށެވެ. އެހެންވެ މިކަމުން ވެސް މިއީ ގޭތެރޭގައި ވެގެން އުޅޭ ކަމެއް ކަން ސާފުވާ ކަމަށް އެ މީހުން ބުންޏެވެ.