އައްޑޫ ސިޓީގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހުރިހާ އެންމެން ދޫކޮށްލައިފިއެވެ.

އައްޑޫގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ނުވަ މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އަދި މައްސަލައިގައި ހިމެނޭ ހަ މީހުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނެވެ.

އަދި ބާކީ ތިބި ތިން މީހުން ކޯޓަށް ނުގެންގޮސް ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ ބަންދުގައި ބެހެއްޓި ހަ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެއީ އެމީހުން އިތުރަށް ބަންދުގައި ބޭއްތިއްބުމަށް ފުލުހުންނަށް ނުފެންނާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައްޑޫގައި ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖަޔަޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރ އދ.އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ވަޒީރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޝަމާލް އާއި ރާއްޖެ އާއި އިންޑިއާގެ އިސް ގިނަ ބޭފުޅުންތަކެއް އޭރުގައި ތިއްބެވީ ވެސް އައްޑޫ ސިޓީގައެވެ.

ނަމަވެސް އައްޑޫގައި ދޭން އުޅުނު ހަމަލާ އަކީ ސަރުކާރުގެ އިސް ބޭފުޅުންނަށް ދޭން އުޅުނު ހަމަލާއެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަމާބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ.

ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އައްޑޫން ނުވަ މީހަކު ވަނީ ހައްޔަރު ކުރިއިރު އޭގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއިދު ކުރާ އިސް މީހުންނާއި 18 އަހަރު ނުފުރޭ ކުދިން ވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި "ވަގުތު26" ތަހުގީގުގައި ބުނާ ބޮޑުން ތެރެއިން ދެ މީހަކު ހިމެނޭކަން "ވަގުތަށް" އަށް ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލް

    ހަމަލާ އެންމެންވެގެން ނުބާއްވާގޮތައް ނިންމީމަ ދޫކޮއްލީ ދެއްތޯ.؟

  2. ރަން ރީނދޫ

    ހަމަލާދޭން އުޅެގެނެއް ނޫން. އަނީލް ބޯޅަ ޖެހީމަ އިމްރާން ގެ އޯޑަރަށް ނެގީ. އެއްވެސް އިންޓެލް އެއް އޮވެގެނެއް ނޫން. ކިނބޫ ސާލިބޭ ދަތުރާ ދިމާކޮށް ހައްޔަރު ކުރީ. ކޮބާ އެމްޑީއެން އެމްޑީޕީ ކުދިން،. ޔާމީނު ސެކިޔުރިޓީ އަށް ހަޖޫޖެހީ،މިހާރު ކިހިނެއް މި ވަނީ.