ރާއްޖޭގެ ރަށްރަށަށް ފޮނުވަން ނިންމި އެމްބިއުލާންސްތަކުގެ ތެރެއިން މިދިޔަ މަހު ގެނައި އެމްބިއުލާންސްތައް ރަށް ރަށަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ އެންބިއުލާންސްތައް ފޮނުވާ ރަށްތަކަކީ އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ގދ. ނަޑެއްލާ އަދި ކ. ގުރައިދޫ އަށް ކަމަށެވެ.

އެމްބިއުލާންސްގެ ހަތަރު ވަނަ ބެޗު އެސްޓީއޯއިން ގެނައީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެސްޓީއޯއިން އޭރުު 21 އެމްބިއުލާންސް ގެނެސްފައިވެއެވެ.

އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި ދެވަނަ ޝިޕްމެންޓުގައި އިތުރު 20 އެމްބިއުލާންސް ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ރަށް ރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސަރުކާރުގެ ބޮޑު އެއް ކުންފުނި، އެސްޓީއޯއާ ހެލްތު މިނިސްޓްރީން ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން އެމްބިއުލާންސްތައް މިނިސްޓްރީ އަށް ހަވާލު ކުރަން ޖެހޭނީ ހަ މަސް ތެރޭގައެވެ.