އައްޑޫ ސިޓީގެ 194 ހެކްޓަރުގެ ބިން ހިއްކަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ އިރު، އެ މަޝްރޫއު ގެންދާނީ ތިމާވެއްޓަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށް ނެދަލެންޑްސްގެ ވެން އޫޑް ކުންފުނިން ބުނެފިއެވެ.

މި ސަރުކާރުން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއަކީ އައްޑޫގެ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެ ސިޓީގެ އެކި ދިމަ ދިމާލުން ބިން ހިއްކުމެވެ. މި ބޮޑު މަޝްރޫއުގައި ހިމެނެނީ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރިސޯޓު ހަދަން މުޅިން އާ ރަށްތަކެއް ހެދުމެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވެން އޫޑް ކުންފުންޏާއެވެ.

ވެން އޫޑް ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރައި މި ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމާ ވެސް ގުޅިފައިވާ މަޝްރޫއެއް ކަން ފާހަގަކޮށްފައިވެއެވެ.

އެހެންވެ، މި މަސައްކަތް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ކަމުގެ ތަޖުރިބާކާރުންގެ ލަފަ އާއި މަޝްވަރާގެ މަތިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެން އޫޑް އިން ބުނީ, އައްޑޫއަކީ މުއްސަނދި މާހައުލީ ނިޒާމެއް އޮތް އަތޮޅެއްކަމުން ތިމާވެށި ރައްކާތެރިކުރުމަކީ އެ މަޝްރޫއުގެ ހުރިހާ ކަމެއްގައި އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ. ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނެދަލެންޑްސްގެ ކުންފުނިން ވަނީ ބުނެފައެވެ.

ވެން އޫޑް ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ ހިތަދޫ، މަރަދޫ އަދި މަރަދޫ/ފޭދޫ ކައިރިންނެވެ. މި މަޝްރޫއުގެ ދަށުން ރިސޯޓެއް ގޮތުގައި ތަރައްގީ ކުރަން ތިން ރަށެއް ހިއްކާނެއެވެ. ބިން ހިއްކުމުގެ މަސައްކަތުގައި ބޭން ކުރާނީ އެ ކުންފުނީގެ ޑްރެޖަރު "އެޗްއޭއެމް 318" އެވެ.

ބިން ހިއްކުމުގެ މަޝްރޫއު ހިންގުމަށް ވެލި ނަގާނީ ދެ ސަރަހައްދަކުން ކަމަށް ވެން އޫޑް އިން ބުންޏެވެ. އެކަމަކު، ވެލި ނަގާނީ ސީދާ ކޮން ސަރަހައްދަކުން ކަމެއް ބުނެފައެއް ނުވެއެވެ. މި މަޝްރޫއު 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ވެން އޫޑް ކުންފުނިން ވަނީ ބުނެފައެވެ.

ވެން އޫޑްގެ ޑިރެކްޓަ ޑްރެޖިން ނީލްސް ޑި ބްރޫޖިން ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކޮރަލް ސްޕެޝަލިސްޓުން ބައިވެރިވާނެ ކަމަށެވެ.

"މި ކަހަލަ މަސައްކަތެއް 2016 ގައި ވެސް އަޅުގަނޑުމެން ކުރިން. އެހެންވެ، އެ ކަން ކުރުމުގެ ތަޖުރިބާ މިފަހަރު ވެސް ބޭނުން ކުރެވޭނެ،" ހިންމަފުށި ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ނީލްސް ވިދާޅުވިއެވެ.

ވެން އޫޑް ކުންފުނިން މީގެކުރިން ވަނީ އެކިއެކި މަޝްރޫއުތައް ވެސް ހިންގައިފައެވެ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ ވެސް ވެން އޫޑް ކުންފުނިންނެވެ. އެ މަޝްރޫއަށް އެކަނި ވެސް 130 މިލިއަނެއްހާ ރުފިޔާ ހަރަދުވިއެވެ.

ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ކުންފުނިން ފެށީ ސ. ފޭދޫ އާއި ގދ. ތިނަދޫ ބިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިއްކާ ނިންމުމަށް ފަހުއެވެ. އެ ކުންފުނިން މި މަސައްކަތުގައި ބޭނުން ކުރަނީ ދުނިޔޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ޑްރެޖަރެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ.

އައްޑޫ ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ ކަރުދާހުގައިވާ ގޮތުން އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ "ވަން-އޮފް" މަޝްރޫއުއެއް ވަނީ ހުށަހަޅައިފައެވެ. އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، ފަސް ހެކްޓަރުގެ ދެ ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫގެ 75 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްލޭންއާއެކު މިހާރު ހުރި ހާބަރު ފްރަންޓް ފެސިލިޓީތައް އަޕްގްރޭޑް ކުރެވި، ވިޔަފާރި އަދި މުޖުތަމައުގެ ބޭނުންތަކަށާއި އައްޑޫގެ ރަށްތަކުގެ ރައްޔިތުންގެ ރެޒިޑެންޝަލް ބޭނުންތަކަށް ވެސް ބިން ހަމަޖެހިގެން ދާނެއެވެ. އަދި ޕްރައިވެޓް ސެކްޓާގެ އިންވެސްޓަރުން ރިސޯޓު ތަރައްގީ ކުރުމަށް ރަށްތައް އުފެއްދުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން މުހިންމު އުމްރާނީ ތަރައްގީގެ މަޝްރޫއު އައްޑޫގެ އެކި ރަށްތަކުގައި ކުރިއަށް ގެންދާ އިރު، އައްޑޫގެ މަގުތައް ތަރައްގީކޮށް ބިން ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުއާ ގުޅޭ އީއައިއޭ ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. އެހެންވެ، މަޝްރޫއު ހުއްޓާލަން ބައެއް ޖަމިއްޔާތަކުންނާއި އައްޑޫގެ ބައެއް ރައްޔިތުން ވެސް އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    މިއުޅޭ ޕޕމ މަރުމޯލުންތަކާހެދި ރާއްޖެތެރޭގައި ހިންގާ އަދި ނިމެމުންދާ ގިނަ ކަންކަން ސުރުޚީއަށް އަރާގޮތެއްނުވޭ! އެމީހުންގެ ބްރޭކިން ޖެހުމުގައި ނޫސްވެރިން އަވަދިނެތި.

    4
    17
    • ރަން ރީނދޫ

      މަރުމޯލު އެމްޑީއެން އެމްޑީޕީގުންޑާއިންނަށް ނޭނގެނީ ތަ މިހާރު ވެސް އައްޑޫ ގާ ފަޅު ރަށްތައް އެބަހުރިކަން.އެތަންތަނުގަ ރިޒޯޓް ހަދަން ވީނު. ނޫނީ ހަދާނިންމާފަ ބަންދު ކޮއްފަ އޮންނަތާ ހަތަރު އަހަުވީ 2 ރަށް އޮޕަރޭޝަނަށް ގެނެސްބަލަ. ތިޔައީ މިހާރު ހުރި ރީތި ޑައިވް ޕޮއިންޓު ތައް ހަލާކު ކުރަން ހިންގާ ޖަރީމާ.

  2. ސސ

    މިހާތަނަށް ރައްތަކުން ހިއްކި ބިމުން ރައްޔިތުންނަށް ކުރި ފައިދާއެއް ނުފެނޭ، ބިންތަށް ރަގަޅުގޮތުގައި ބޭނުމެއް ނުކުރެވޭ، ކޮންމެސް ސިޔާސީ ނުފޫޒުގަދަ މީހެއްގެ ދަށުގައި ބިންތަށް ރައްޔިތުންނަށް ނުދީ ހިފަހައްޓާފަ އެއޮންނަނީ !

    25
    1
  3. ރަނގަޅުވާނެއޭ

    އައްޑޫން ބިން ހިއްކަނީ އެއީ ކޮން މަގްސަދެއް ހާސިލް ކުރަންތޭ މަމެންނަށް ޔަގީނޭ ތިޔާ ލޯން ނަގައިގެން އައްޑޫ ގައި ހިއްކާ ބިމުން އެންމެ ރުފިޔާ އެއްވެސް އަނބުރާ ލޯންގެ ގޮތުގައި އައްޑޫން ނުދެއްކޭނެއޭ ނަތީޖާ އަކީ ތިޔާ ލޯން ވެސް ދައްކަން ޖެހޭނީ މަމެން މާލޭ ސަރަަހައްދުގައި ތިބި ވިޔަފާރިވެރިން އުނަގަނޑު ބިންދައިގެން ކުރާ މަސައްކަތުން ހޯދާ ފައިސާއިންނޭ ބަދަލުގައި ތިޔާ ލޯން އިން ހުޅުމާލޭ އިރުން އޮތް ބޮޑު ފަޅު ހިއްކާ އެތަނުން ގޯތި ދޭން ހެދިނަމަ މާބޮޑަށް

    15
    5
  4. އިބޫ

    ލާދީނީ ސަރުކާރު!

    10
    1
  5. ރަން ރީނދޫ

    ބިން ރަން އަޅައިގެން ހިއްކިޔަސް،އިންޑިއާ އައުޓް.

    19
  6. ވަތަނީ

    ައ އއްޑޫގެ ބިންހިއްކުމަކީ އެ އަތޮޅުގެ ވެ އްޓަށް ނުހަނު
    ގެ އްލުންހުރި ކަމެ އްކަން ސަރުކާރަށް އެނގޭ އިރުވެސް
    އަދި އެ އަތޮޅަކީ ކުޑަކުޑަ، ނާޒްކު ވެ އްޓެ އް އޮތް
    އަތޮޅެ އްކަން އެނގިތިބެމެ ބިންހި އްކުން ކުރި އަށް
    ގެންދާތީ ކަންބޮޑުވެ އެވެ
    ތިމާވެ އްޓަށް ބަލަ އިގެން ކުރި އަށް ގެންދާނަމޭ ބުނާ އިރު
    ވެލިނަގަނީ ކޮންތާކުންކަން ސާފުކޮށްދޭން ޖެހެ އެވެ.
    އެ އަތޮޅުގެ އެތެރެވަރިން ވެލިނެގުން ރަ އްކާތެރި ނުވާނެ އެވެ!

  7. އަހްމަދު

    ބަލަ އައްޑޫގެ އެންމެބޮޑުމަސްރޫއަކީ ބުރިޖެއްނޫންތަ އެކަންމިހާރު ނިމުނީބާ؟

  8. މުހަންމަދު

    މަހާޖައްރާފު ބޭނުން ނުކޮށްއަސްލަމްމެން ލާރި ގަޑެއްކާލީ ދޯ؟؟