އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވަމުން ގެންދަވާ ޖަރީމާ ހުއްޓާލަން ޖެހޭ ކަމަށް މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރާޝިދު އެގޮތަށް ވިދާޅުވީ އެމްޑީޕީ އަށް ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާއެކީ ޕާޓީ ނުފެތުން ކަމަށް އެ ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. މިއީ، ނަޝީދު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވި ފުރަތަމަ ފަހަރެވެ.

"މިވަގުތު މި ޕާޓީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ މި ޕާޓީ ނުފެތުން، ސަރުކާރަކީ އެމްޑީޕީ އެކަނި ސަރުކާރު ނޫން ކަމުން، އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި މިޕާޓީގެ ވައުދުތައް ނުފުއްދޭނީ" ރޭ އިރާކޮޅުގެ ވަގުތެއްގައި ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވިއެވެ.

ރާޝިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެންނަ މަންޒަރަކީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިކުރުމަށް އިދިކޮޅުން އުކާނެ ދުނި ދަނޑިތަކާއި ކުޅޭނެ ކާޑުތައް ތައްޔާރުކޮށް ލިޔެދީ ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

"މިފަދަ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލާ." ރާޝިދު ވިދާޅުވިއެވެ.

ރާޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސް އެމްޑީޕީ ސަރުކާރަށް "ބަވާ" ވަރަށް ވުރެ މި ސަރުކާރު މާ ކާމިޔާބު ކަމަށެވެ.

މީގެކުރިން ނަޝީދު ހަމަ އެ ގްރޫޕްގައި ލިޔުއްވި މެސެޖެއްގައި ވަނީ މަސްވެރިންނަށް ވީ ވައުދުތައް ވެސް ނުފުއްދުނު ކަމަށް ވިދާޅުވުމަށް ފަހު, އެމްޑީޕީ ހިމެނޭ މި ސަރުކާރަށް ތާއީދު ނެތް ކަމަށް ވިދާޅުވެފައެވެ.

މި ވެރިކަމަށް ތާއީދު ބޮޑު ކަމަށް ސަރުކާރުން ލަފާކުރިޔަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އުނދަގޫވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވަރަށް ގިނަ ގޯސްތައް ހެދިއްޖެ ކަމަށާއި އެ ގޯސްތައް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލު ވެސް ނުކުރާ ކަމަށް އެމަނިކުފާނުގެ މެސެޖްގައި ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓް އަށް ވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ," ނަޝީދު ވިދާޅުވިއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށް އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ދެކަވިފައެވެ. ޕާޓީގެ ތެރޭގައި ނަޝީދުގެ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެއް ވަނީ އުފެދިފައެވެ.

އިންތިހާބުގައި ނަޝީދުގެ ފަޅިން ވާދަކުރައްވަނީ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ. އިންތިގެ ކެމްޕެއިން ޓީމުގައި މަސައްކަތް ކުރައްވަނީ ނަޝީދަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

އިންތިއާ ވާދަކުރައްވަނީ ރައީސް ސޯލިހް ފެކްޝަންގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. ފައްޔާޒްގެ ކެމްޕެއިންގައި އުޅުއްވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންގެ އިތުރުން ބައެއް ވަޒީރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަދުރޭ

    މި މީހުން ގެނައި ޑިމޮކްރަސީ އަކީ މީ .މި މީހުންގެ ކުޅިގަނޑު މުޅި ޤައުމުގަ. ރައްޔިތުންގެ ވާހަކައެއް މިހާރު އަޑެއް ނުއިވެ .ކޮންމެ ދުވަހަކު ކޮންމެސް އާވާހަކައެއް

    11
  2. ނަޝީދު

    ރޯދަ މަސް ފަހުން ޖަވާބު ދޭން ޤަސްދު ކުރަން

  3. އަމީތު

    ސާބަސް ރާޝިދު. އެ ހިންގަނީ ހަމަ ބޮޑު ޖަރީމާއެއް.

    9
    1
  4. ސަލީމް

    ރާޝިދެއް ހާމިދެއް ކިޔާނެ ކަމެއް ނެތް.ހުސް ވަގުން.

  5. Anonymous

    އަންނިއާ ޔާމީނު ވަނީ ވެރިކަމުގެ ފެންބޮއެ އެއަށްދެވިހިފާ މޮޔަވެފަ.

    2
    5
  6. ރައްދު

    މޑޕ ދޫކޮށް، އެ ޕަޓީ ހިސޯރުކޮށްގެންއުޅޭ ނަސީދު
    ފެއަށް ޖެހި ޕާޓީއަށް ފުރުސަތުދޭން ޖެހެއެވެ ނަސީދަކީ
    މިހާރު ސިޔާސީ ބުރަދަންް ހުރިމީހެއްނޫނެވެ އަދި ރައްޔިތުންް ބަލައިވެސް ނުގަނެއެވެ އެހެންްކަމުން މޑޕ
    އަށް ހިޔޮ ކަމެއްްކޮށްދޭން ބޭނުން ނަމަ ޕާޓީއާ ފެއަށް ޖެހޭށެވެ.

    4
    2
  7. ާައަހުމަދު

    މީނަމީ ކާކުތަ ނަޝީދުއޭކިޔާގެން ވާހަކަ ދައްކަން، މިކަހަލަ މީހުން މަޖިލީހަށް ހޮވޭތީި ދެރައީ. ފުރަތަމަ މީނަގެ އަހުލާގީ މިންގަޑުގެ ވާހަކަ އެރަށު މީހުން ދައްކާ އަޑުއެހިން.

    4
    2
  8. ބޮކަރު

    ނަސީދު 50% ހޯދަދޭން ސަރުކާރަަށް އެ ބަވަނީ ؟