އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ކުއްޖާގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ އެކުއްޖާގެ ދިފާއުގައި ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފިއެވެ.

ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރީ 59 އަހަރުގެ އަންހެނެކެވެ. އެމީހާއަކީ ކުއްޖާ ސްކޫލު ފާހާނައަށް ގެންދިޔަ އެތަނުގެ މަސައްކަތު މީހާއެވެ. އުމުރުން ދުވަސްވީ އެމީހާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވެއެވެ.

އެމީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ފުރަތަމަ އަމުރު ކުރީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކުރިއެވެ.

އެކަމަކު، އަންހެންގެ މީހާގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އެންގުމުން އެމީހާ ވަނީ ދޫކޮށްލައިފައެވެ.

އެމީހާ ދޫކޮށްލި ނަމަވެސް، އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް އެބަގެންދެއެވެ.

އަންހެން މީހާ ދޫކޮށްލުމަށް ގޮވާލައި އައްޑޫގައި ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ. އަދި އޭނާ ދޫކޮށްލަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް ގިނަ ބަޔަކު ސޮއި ވެސް ކުރިއެވެ. ޕެޓިޝަންގައި ސޮއިކުރި މީހުން ގަބޫލު ކުރާ ގޮތުގައި އަންހެން މީހާ، ބަޔަކު ވަނީ ފްރޭމްކޮށްފައެވެ.

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ހައްގުގައި ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅޭ މީހަކު "ވަގުތަށް" ބުނީ ޕެޓިޝަންގެ ބޭނުމަކީ ކުޑަ ކުއްޖާ އަށް އިންސާފު ހޯދައިދީ، ކުއްޖާ އަށް ޖިންސީ ގޯނާ ކުރި "އަސްލު މީހާ" ހޯދައި އެމީހާ ޝަރީއަތުގެ ކުރިމައްޗަށް ވީހާވެސް އަވަހަށް ގެނައުން ކަމަށެވެ.

އަދި ޕެޓިޝަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ބުންޏެވެ. މިފަހަރު ޕެޓިޝަނަށް 5،000 އަށް ވުރެ ގިނަ ސޮއި ހޯދަން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"މަސައްކަތް ކުރަނީ އީދު ބަންދަށް ފަހު ޕެޓިޝަން ހުށަހަޅަން. އަޅުގަނޑުމެން މިތިބީ މި މައްސަލަ ދޫކޮށްލާ ގޮތަކަށް ނޫން. ތަހުގީގު ކޮޅެއްގައި ނުޖެހި ނިމޭކަށް ބޭނުމެއް ނޫން،" އެމީހާ ކިޔައި ދިނެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި މި މައްސަލަ ބެލުމުގައި ޖެންޑަ މިނިސްޓްރީ އާއި ފުލުހުން ވަނީ ފެއިލްވެފައެވެ. އަދި އެ އިދާރާތަކުން މަސައްކަތް ކުރަނީ "ހަގީގީ ކުށްވެރިޔާ ފޮރުވަން" ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ސާފުކޮށް އެބަ އެނގޭ، ސިޔާސީ ބާރުގަދަ މީހެއްގެ ފަހަތުގައި ހުރީމަ އެމީހަކާ މެދުގައި ފިޔަވަޅު ނޭޅެނީ. އެހެންވެ، މިކަމުން އެނގޭ އެއްޗަކީ ހަގީގީ ކުށްވެރިޔާ ހުރީ ފޮރުވާފައި ކަން،" އެމީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެހޭމީހާ

    ބަލަ ކިހިނެތްތަ އެގުނީ ތިވަރު އަރުވާލީ؟ އެކުއްޖާ ބުނީތަ އެމީހާއޭ. ؟ ބުނިނަމަވެސް އެބުނަނީ ފްރޭމް ކުރީޔޭ.

    1
    3
  2. ޙަޒާ

    ތިއީދެން އެހާބޮޑުކަމެއްނޫން. ތިއީ ކަންބޮޑުވާންޖެހޭ ވަރުކަމެއްނަމަ މަޖިލިސް ތެރެއިން ތިވާހަކަ ދައްކާނެ މީހަކުވެސް ހުންނާނެ.
    މިގައުމުގައި ސިޔާސީފައިދާ ނަގަން ކަންނުވެ ނަންވާ ކަންކަން ހުންނާނެ. ގެވެށި އަނިޔާ، ކުޑަކުދިންނާއި ބެހުން ،ޒީރޯ ޓޮލެރެބްސް، ދެން ޕްލާސްޓިކް މަދުކުރާ ވާހަކަ.
    މިއިން އެއްކަމެއްވެސް ކާމިޔާބެއްނުވޭ.

  3. ޝާފިއު ޖަމީލް

    ތިވާހަކަ ދެން ހުއްޓާލާފައި ފަހުދިހައިގެ ބަރަކާތް ލިބިގަންނަން އުޅޭ.