ސަރުކާރަށް ވަގަށް ގޮވާ ހަޖޫ ޖަހާ ބަޔަކު ލީޑާޝިޕަށް ގެނައުމަކީ ވެރިކަން ހޯދަން ކުރި ބުރަ މަސައްކަތަށް ޚިޔާނާތްތެރިވުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި) އަށް ފާޑު ވިދާޅުވެއްޖެއެވެ.

މި މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި އެއްކޮޅުން އިންތި ނުކުންނަވާ އިރު، އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެމްބަރެކެވެ. އިންތިއާ ވާދަކުރައްވަނީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ނުފޫޒު ގަދަ އެއް ވަޒީރު ފައްޔާޒް އިސްމާއިލެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަންގެ މެމްބަރެކެވެ.

ނަޝީދުގެ ފެކްޝަންގެ މެމްބަރުން ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މިކަމާއި ގުޅިގެން ކެލާ ދާއިރާގެ އެމްޑީޕީގެ މެންބަރު ޝަރީފް ވިދާޅުވީ، ސަރުކާރަށް ވަގަށް ގޮވާ ހަޖޫ ޖަހާ ބަޔަކު، ޕާޓީގެ ލީޑަޝިޕަށް ގެނައުމަކީ، ވެރިކަން ހޯދަން އެތައްހާސް މެންބަރުންނެއް ކުރި ބުރަ، އުނދަގޫ އަދި ބިރުވެރި މަސައްކަތަށް ހިޔާނާތްތެރިވުންކަމަށެވެ. އަދި ޕާޓީގެ ކޮންމެ މެންބަރެއްގެ މަގުސަދަކަށް ވާން ޖެހޭނީ ވެރިކަން ދެމެހެއްޓުމާއިި، 2023 ހޯދައި ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އިންތިޚާބުގައި ޝަރީފް ތާއީދުކުރައްވަނީ ފައްޔާޒް އަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ދަށަށް ވެއްޓުމާ އެކުގައި ވެސް ސަރުކާރަށް ނަޝީދު ފެކްޝަންގެ ބައެއް ބައެއް މެންބަރުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރާކަމަށް ވެސް ނަޝީދުގެ ފެކްޝަނުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެކަން ބެލުމަށް އެމްޑީޕީގެ ކަމާއިބެހޭ ކޮމެޓީއަށް ހުށަހެޅުުން ނިންމާފައިވަނީ، އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށެވެ.

ނަމަވެސް ފައްޔާޒާއެކު ތިބި ސަރުކާރު ފެކްޝަންގެ މެންބަރުން ވަނީ މިއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއްކަމަށް ބުނެފައެވެ. މިއިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވަނީ ކުރިޔަށް 2023ގެ ރިޔާސީ ޓިކެޓަށް އެޕާޓީން ވާދަކުރައްވާނެ ކަމަށް ބެލެވޭ ދެ ރައީސުންގެ ކުރިމަތިލުމަކަށް ވެފައިވުމުންނެވެ.

ނަޝީދުގެ ފަރާތުން އިންތި ވާދަ ކުރައްވާއިރު، އެ ފެކްޝަނުން އަންނަނީ ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް ފައްޔާޒު ވާދަ ކުރައްވަނީ ސަރުކާރުގެ ފުރިހަމަ ތާއީދާއެކުގައެވެ. ރައީސް ސޯލިހް ވެސް ފާޅުގައި ވިދާޅުވި ނުވި ނަމަވެސް ތާއީދު ކުރައްވަނީ ފައްޔާޒަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    ދެ ފެކްޝަނުން މަސައްކަތް މި ކުރަނީ އެއް ބަޔަކަށް ވުރެ ގިނައިން އަނެއްބަޔަކަށް ވައްކަން ކުރެވޭތޯ. ދެ ފެކްޝަނުންވެސް ހުސްވައްކަން.