މިއަހަރުގެ މިހާތަނަށް ސަރުކާާރުގެ އެކި ދަތުރުތަކަށް 49 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ކުރި ދަތުރުތަކަށް 49.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ސަރުކާރުން ދަތުރުތަކަށް ހޭދަކޮށްފައި ވަނީ 32 މިލިއަން ރުފިޔާއެވެ. މިއަހަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި އަދަދަށްވުރެ 17.3 މިލިއަން ރުފިޔާ އިތުރަށް ދަތުރުތަކަށް ހޭދަކޮށްފައެވެ.

މިއަހަރު ދައުލަތުގެ ބަޖެޓުން ދަތުރުތަކަށް ކަނޑައަޅާފައިވަނީ 203 މިލިއަން ރުފިޔާއެވެ.

ސަރުކާރުން ދަތުރުތަކަށް ކުރަމުން އަންނަ ޚަރަދު އަންނަނީ އަހަރުން އަހަރަށް އިތުރު ވަމުންނެވެ. މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުގެ ދަތުރުތަކަށް އެކަނި ވެސް 158.4 މިލިއަން ރުފިޔާ ޚަރަދު ކުރިއެވެ. އޭގެ ކުރިން 2020 ވަނަ އަހަރު ދަތުރުތަކަށް ސަރުކާރުން 128.6 މިލިއަން ރުފިޔާ ޚަރަދު ކުރިއެވެ.

މިއަހަރަށް ފާސްކޮށްފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެތެރެއިން 9.4 ބިލިއަން ރުފިޔާ ހޯދަން ނިންމާފައި ވަނީ ދަރަންޏަށެވެ. މިއަހަރު ދައުލަތުގެ ދަރަނި ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް 100 ބިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ.

ދައުލަތުގެ އާމްދަނީއަށް ވުރެ ޚަރަދުތައް އިތުރު ވަމުން ދިއުމަކީ އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުންނާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ކަންބޮޑުވުމާއިއެކު ފާހަގަ ކުރަމުން އަންނަ މައްސަލައެކެވެ. ނަމަވެސް އެކަމަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަވެސް

    ތަންދޮރުނުދަނަ ނުބައި ނުލަފާވެރިން ފަހުޒަމާނުގާފެންނާނެކަމްން މުސްކުލިން ބުނެއުޅޭ މިއީ މިކަހަލަ ހުދުމުހުތާރު ގައުމުވިއްކާލާނެވެރިއެއް؟؟އެހެރީ މަޖާކޮއްލާވަރި ރައްޔަތުން ހިޔާފުލެޓް ނުހެދިގެންމިއުޅެނީ؟ ވެރިމިހާ ހަބޭސް ބަޖެޓް ކައިނިންމާފި؟

  2. ދަތުރު

    ތި ވަރަށް ކުޑަ މިންވަރެެއް މީގެ ކުރިޔާ އަޅާބަލާއިރު.. ސުރުހީ އޮތް ގޮތުން ހީވަނީ ސިޔާސީ ދަތުރު ތަކުގެ ވާހަކަ އެކަނިހެން ތިތަ ކިޔަނީ އެކަމުތީ މުޅި ސަރުކާރުގެ ދަތުރުތަކަށް ޚަރަދުވީވަރު.. އެބަހީ ސިވިލް ސަރވިސްގެ ޓްރެއިނިންގ ދަތުރުތަކާއި ސަރުކާރުގެ އެކި ވުޒާރާ އަދި އިދާރާތަކުގެ ބޭނުމަށް ކުރި ދަތުރުތައްވެސް ހިމެނޭގޮތަށް…