އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީގެ (އޭއޭއީއޭ)ގެ އެގްޒެކެޓިވް ބޯޑަށް ރާއްޖެ އިންތިހާބު ވެއްޖެ އެވެ.

އޭއޭއީއޭގެ ބޯޑަށް ރާއްޖެ އިންތިހާބުވީ އެ އެސޯސިއޭޝަންގެ އާންމު ބައްދަލުވުމުގައި މެންބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގެ އިއްތިފާގުންނެވެ. އޭއޭއީއޭގެ މި ދައުރުގެ ރިޔާސަތު ބެލަހައްޓަނީ އިންޑިއާ އިން ނެވެ. އަދި ވައިސް ޗެއާގެ މަގާމަށް ހަމަޖެއްސީ ޓައިވާން އެވެ.

ދިވެހިރާއްޖޭގެ އިތުރުން އެގްޒެކެޓިވް ބޯޑަށް އިންތިހާބުވީ ރަޝިއާ، ކަޒަކިސްތާން އަދި ފިލިޕީންސް އެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގައި އިއްޔެ ބޭއްވި އޭއޭއީއޭގެ އާންމު ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް އަދި ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ޝާހިޔާ އެވެ.

އޭއޭއީއޭގެ މެންބަރުންގެ ގޮތުގައި 20 ގައުމު ހިމެނޭއިރު މި ޖަމިއްޔާ އިން އުފައްދާފައިވަނީ 1998 ވަނަ އަހަރު އެވެ. އޭއޭއީއޭ އުފެއްދުމުގެ ބޭނުމަކީ މެންބަރު ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަން ތަކުގެ މިނިވަންކަން ހިފެހެއްޓުމަށް މަސައްކަތް ކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށްޓަކައި ބޭނުންވާ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު