ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަމްޢިއްޔާތަކުގެ ބިލު
މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 18 އެޕްރީލް 2022 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ޖަމްޢިއްޔާތައް ހަދައި ހިންގުމުގެ ޙައްޤު ބޭނުންކުރާނެ ގޮތުގެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމުގެ އިޖުރާޢަތުތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ސިފަތަކާއި، ޖަމްޢިއްޔާގެ ރަޖިސްޓްރާރގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އިޚްތިޔާރުތައް ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކޮށް، ޖަމްޢިއްޔާތަކުން މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ މަގެއް، ޤާނޫނުގެ ތެރެއިން ފަހިކޮށްދިނުން ހިމެނެއެވެ. އަދި ޖަމްޢިއްޔާތަކަށް އާމްދަނީ ހޯދުމަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ޖަމްޢިއްޔާތަކުން ދަރަންޏަށް ޒިންމާވުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާއެއް އުވާލެވޭނެ އުސޫލުތައް ބަޔާންކުރުން ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން މި ޤާނުނުގެ ބޭނުމަށްޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތައް ބެހިގެންވާ ބައިތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޖަމިއްޔާތަކަށް ހިލޭ އެހީ ދޭން ކޮންމެ އަހަރަކު ޔޫތު މިނިސްޓްރީގެ ބަޖެޓުން %3 އަދި ސަރުކާރުގެ ކުންފުނިތަކުގެ ސީއެސްއާރު ބަޖެޓުން ވަކި މިންވަރެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ބިލްގައި ވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާގެ ތެރެއިން އެއްވެސް ޙަރަކާތެއް ހިންގާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ފީ ދައްކާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޖަމްޢިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް 6 (ހައެއް) މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު އެގޮތަށް ޢަމަލުކޮށްފައިނުވާނަމަ، އެ ޖަމްޢިއްޔާއެއް އުވާލުމުގެ ބާރު ޖަމްޢިއްޔާގެ ރަޖިސްޓްރާރ ލިބިދީފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓްރާކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަންކުރަންވާނެކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލު ޤާނޫނަކަށްވެ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ޖަމްޢިއްޔާގެ ރަޖިސްޓްރާރ ކަމަށާއި ޖަމްޢިއްޔާގެ ރަޖިސްޓްރާރ ޢައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ޖަމްޢިއްޔާތަކުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުގައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު އުވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ވަކި ބަޔަކަށް މުސާރަ ބޮޑުކޮށްދީ، ވަކި ބަޔަކަށް ފައިސާ ބަހަމުން ތިދަނީ 2023 ކާމިޔާބުކުރަންތާއެވެ. ޔާމީނު ވެސް ވެރިކަމުގައި ހުރިއިރު މާބޮޑަށް ފުއްޕާފައި ރައްޔިތުންގެ ތެރެއިން އެއްބަޔަކު ޖަލަށްލައި އެއްބަޔަކު ހައްޔަރުކޮށް އަނިޔާވެރިވަމުންދިޔައެވެ. އޭނާއަށް އެއޮތީ ނަތީޖާ ފެނިފައެވެ. ދިރިތިބި ބަޔަކު އިބުރަތް ލިބިގަތުން ރަނގަޅެވެ.

    2
    6
  2. Anonymous

    ރައްޔިތުންގެ ފައިސާ ބަހާނެ ގޮތެއް، ބައި އަޅާނެ ގޮތެއް ހޯދަނީތާ !

  3. ސސ

    ޖަމުއްޔާ ޖަމާއަތާ ސިޔާސީ ޕާޓީ ތަކަކީ ޤައުމުގައި ތަފާތު ފިކުރު އުފައްދާ ޤައުމު ބައިބައި ކުރާ ކަމެއް، ޤައުމުގެ އެއްބައިވަންތަ ކަން ގެއްލޭކަމެއް !

  4. މަރީނާ

    ދެން ކޮންމެ ގެއެއްގަ އިންނާނެ ޖަމިއްޔާއެއް. މީދެން ރައްޔިތުންގެ ލާރި ގާތް މީހުނަށް ބަހަން ކޮށްގެން އުޅޭ ކަމެއް.

  5. ކިރުސަކުބަތު

    ލާދީނީ ރީދޫ ޖަމިތްޔާއަށް ޑެކްސް ފައިސާއިން ލާރި ދީގެންނުވާނެ

  6. އުތަމަ

    ލާރި ގިނަވެގެންތޯ ތިއުޅުވާނީ މިހާރުން ފެށިގެން ވޯޓް ގަންނަނީތޯ

  7. ޑައެލޯގް

    ނަންވާނީ މައުމޫނެވެ. ކަތީބުންގަނެގެން ކުޑަކާފުޖެހީއެވެ. މިހާރުމިއޮތީ ރައްޔިތުންގެފައިސާ ވޯޓްގަތުމެވެ. އޭރަށް ޖަމިއްޔާތަކުގެވޯޓްލިބޭނެކަމަށެވެ. އަނެއްކޮޅުން އެމްޑީއެން އަށާއި އުތެމަ ޖަމިއްޔާކަހަލަ ލާދީނީ ޖަމިއްޔާތަކަށްވެސް ފައިސާދެވޭގޮތްވީއެވެ.