ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ އަތެއް ވާކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތައް ތަހުގީގަށް ހުށަހެޅުމަށް އޭނާ ނިންމަވައިފިއެވެ.

މަޖިލީހުގެ އިދާރާއަށް އަނދުން ހުސެއިން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތުތަކެއް އޭނާގެ މައްޗަށް ރައީސް ނަޝީދު ކުރައްވާފައިވާ ކަމަށެވެ. އަދި ނަޝީދުގެ ތުހުމަތުތަކާއި ގުޅިގެން އޭނާގެ ހައްގުތަކާއި އިމްތިޔާޒުތަކަށް އުނިކަން އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ތުހުމަތުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާން ޖެހޭނެ ކަމަށާއި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ގަސްތު ކުރާ ކަމަށް ވިދާޅުވިއެވެ. އަނދުން ހުސެއިން ވަނީ އޭނާއަށް ނިސްބަތްކޮށް ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީއެއް ހޯދުމަށް ވެސް އެދިފައެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި ހުސެއިންގެ އަތުގައި ނަޝދުގެ ލޭ ހޭކިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައެއް މުއައްޒަފުންނާއި މަޖިލިސް މެމްބަރުން ގުޅިގެން ހަދާފައިވާ ވަޓްސެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

އަނދުން ހުސެއިންގެ ސިޓީއާ ގުޅިގެން އަމީން އާންމުގެ ފަރާތުން ވަނީ އެ މައްސަލައާ މެދު ގޮތެއް ނިންމެވުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވާފައެވެ.

މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ޗެޓްލޮގްތައް ހޯދުމަށް އެދިވަޑައިގަތުމުން އެ މައްސަލަ ކޮމިޓީ އަށް އަންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެން ލިޔެކިޔުންތައް ވެސް ލިބޭ ފަދައިން އެކަން ވެސް ހަމަޖެހެން ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދީން

    ތިޔަ ނަސީދަކީ ދިވެހިންގެ ހަލާކު ، އެމް ޑީ ޕީ ގެ ވެސް ހަލާކު

    15