ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު 12 ދާއިރާއަކުން 48 އެވޯޑް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިއަހަރުގެ ޓޫރިޒަމްގެ ރަންޔޫބިއްލާ ދިމާކޮށް 12 ދާއިރާއަކުން 48 އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އެވޯޑްތަކަށް ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް އެވޯޑް ދޭ ކެޓަގަރީތައް

  • ސްޓާފް އެކޮމޮޑޭޝަން
    ސްޓާފް މީލްސް
    ސްޓާފް ރެކްރިއޭޝަން/އެންޓަޓެއިންމަންޓް
    ހެލްތް ކެއާ
    ސޭފް ވޯކް އެންވަޔަރަމަންޓް
    ޕާޗޭސް އޮފް ލޯކަލް ފްރޮޑަކްޓްސް
    ލޯކަލް ކަލްޗަރަލް ޕާފޯމާސް
    ލޯކަލް މިއުޒީޝަން
    ލޯކަލް ޑީޖޭ
    ހަޔަސްޓް ޕެރިޓީ އޮފް ލޯކަލް ސްޓާފް
    ހަޔަސްޓް ނަންބާ އޮފް ފީމެއިލް ސްޓާފް
    ޓްރެއިނިން އެންޑް ކެރިއާ ޑިވެލޮޕްމަންޓް

އެ ވޯޑުތަކުގެ އިތުރުން ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރު، މީގެއިން ކޮންމެ ކެޓަގަރީއަކުން ޖުމްލަ މާކްސް އެންމެ މަތިން ހޯދާ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަރާތަކަށް އެވޯޑެއް ދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެވޯޑުތަކަށް އަމިއްލައަށް ނަން ހުށަހަޅަންޖެހޭނީ. އެ އެވޯޑުތަކަކީ ހާއްސަކޮށް ދިވެހިންނަށް ފަހިވާ ގޮތަށް، އަދި މުވައްޒަފުންނަށް ފަހިވާ ގޮތަށް ހުރި އެވޯޑުތަކެއް، މިއީ ޓޫރިޒަމް މިނިސްޓްރީންގެ ފަރާތުން ދޭ އެވޯޑުތަކެއް" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ އެ ވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ ނިޔަލަށް ހުޅުވާލެވޭނެއެވެ. އަދި އެ އެވޯޑްތަކާއި ގުޅޭ ކްރައިޓީރިއާ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުނާނެކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ދޭ އެވޯޑަށް ޓްރޮފީ ޑިޒައިންކުރުމަށް ހާއްސަ މުބާރާތެއްވެސް ވަނީ ފަށައިފައެވެ. އެ
މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 50000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއްވަނަ އަށް ހޮވޭ ޓްރޮފީ ޑިޒައިން ބޭނުންކުރާނީ މައިގަނޑު ޓްރޮފީއަކަށްކަމަށް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27 އިން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހަށް ކުރިއަށްދާ ޓޫރިޒަމް ވީކުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު