ގަބޫލުކުރާ ސިޔާސަތުތަކާއި ހަމަތަކާއި އުސޫލުތައް ގެންގުޅޭ ހަމައެކަނި ޕާޓީއަކީ ޕީޕީއެމްކަމަށް ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) ވިދާޅުވެއްޖެއެވެ.

ފާތުން މިހެން ވިދާޅުވީ، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް ބައިވެރިވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނެވެ.

ފާތުން އިތުރަށް ވިދާޅުވީ އެލީޑަރެއްގެ ފަހަތުގައި ހުންނަ ބޭނުންވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށާއި އެހެންކަމުން ވިލިމާލޭގެ މި ގޮނޑިއަށް އަޅުގަނޑު ހޮއްވަވާ ދެއްވައިފިނަމަ ޕާޓީއަށާއި ރައީސް ޔާމީނަށް އިޚްލާސްތެރި ކަމާއެކު މަސައްކަތްކޮށްދޭނެކަމަށް ވިދާޅުވިއެވެ.

ދާއިރާގެ ވިލިމާލޭ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ޚިދުމަތްކޮށްދޭނެކަމަށްވެސް ފާތުން ވިދާޅުވި އެވެ.

"އަޅުގަނޑު ހޮއްވަވައިދެއްވައިފިނަމަ ކައުންސިލް މެދުވެރިކޮށް ވިލިމާލޭގައި ދިރިއުޅޭ އެކަނިވެރި މައިންނަށް، ދަރިންތިބެ ވަޒީފާއަށް ނުދެވޭ ކަނބަލުންނަށް ގޭގައި ތިބެގެން އާމްދަނީ ލިބޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް ކައުންސިލް މެދުވެރިކޮށް މަސައްކަތް ކޮށްދޭނަން. ކަނބަލުންނަށް ތަފާތު އެކި ދާއިރާތަކުން ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތު ތަނަވަސްކޮށްދޭނަން. ޢުމުރުން ދޮށީ ކަނބަލުންނަށްވެސް އުނގެނުމާއި ސިއްހީ އެކި އެކި ކަންކަމަށް ހޭލުންތެރި ކުރުމާއި މިއަވަށަކީ އެންމެންނަށްވެސް ހިތްހަމަޖެހޭ އުފާވެރި މާހައުލަކަށް ހެދުމަށް މަސައްކަތް ކުރާނަން."

ވިލިމާލޭގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފާތުން ވިދާޅުވިއެވެ.

ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކި އެކި ޕްރޮގްރާމްތަކުގެ ތެރެއިން އެއްބައިވަންތަ ކަމާއި އެކުވެރިކަން އާލާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންގެވެސް އަޑުއަހާ މީހަކަށް ވާނެކަމަށް ފާތުން ވިދާޅުވިއެވެ.

ވިލިމާލެ އަންހެނުންގެ ކޮމެޓީއަށް ފާތުން ހޮއްވަވައި ދެއްވައިފިނަމަ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅާނެކަމަށް ފާތުން ވިދާޅުވިއެވެ.

"އަޅުގަނޑަކީ ނަމޫނާ މެމްބަރަކަށް ވާނަން އިންޝާﷲ އަޅުގަނޑުގެ ވާހަކަކޮޅު ނިންމަވާނީ އަޅުގަނޑުގެ މިމަސައްކަތުގައި އެހީތެރިވެ ދެއްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އިޚްލާސްތެރި ލޯތްބާއި ޝުކުރު އަދާކުރަން." ފާތުން ވިދާޅުވިއެވެ.

ވިލިމާލޭ ރައްޔިތުންނާއެކު ފާތުން މަސައްކަތްކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. ވިލިމާލެ ރައްޔިތުންނަކީވެސް ފާތުން ދަންނަ، ދެނެ ފަރިތަ މީހުންނެވެ. ޕީޕީއެމްގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވާ ފާތުން ސިޔާސީ މަސައްކަތްތަކުގައި އެންމެ ފުރަތަމަ އުޅެންފެށީ ރައީސް ޔާމީން އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ ޕީއޭ އާ ހިސާބުންނެވެ. އެއަށް ފަހު ޑީއާރްޕީ އަދި ޕީޕީއެމްގައި މެދު ކެނޑުމެއްނެތި ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވަމުން އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު