މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ ޝަކުވާއެއް ހުށަހެޅިފައިނުވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އެޕާޓީގެ ޗެއާޕާސަނަކު ކަނޑައެޅުމަށް ބޭއްވި އިންތިހާބާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ އިންތިހާބުތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާޙިމް މަނިކު ވިދާޅުވީ އިންތިހާބައި ގުޅިގެން އެކި ކަހަލަ ޝަކުވާތައް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ ވަރުގެ ޝަކުވާއެއް ހުށަހެޅިފައިނެތް ކަމަށެވެ.

"އިންތިހާބުގެ ކަންކަން ދިޔައީ ރަނގަޅަށް. ޝަކުވާ ހުރި ނަމަވެސް އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ވަރުގެ ޝަކުވާއެއް ނެތް"

މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ރަސްމީ ގޮތެއްގައި ޕާޓީގެ ފަރާތުން އިއުލާނުކުރުމަށް މިއަދު ހަމަޖެހިފައިވާއިރު ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށްފައިވަނީ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލެވެ.

އިންތިހާބާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ވަރަށް ބޮޑަށް ދެކަފިވެފައިވާއިރު އިންތިހާބުގައި ފައްޔާޒު އިސްމާއިލް ވާދަކުރައްވާފައިވަނީ ސަރުކާރު ފެކްޝަންގެ ފަރާތުންނެވެ. ދެން ވާދަކުރައްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލީސް މެންބަރު އިމްތިޔާޒު ފަހުމީއެވެ. އޭނާ ވާދަކުރައްވާފައިވަނީ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ފަރާތުންނެވެ.

އިންތިހާބުގައި 28،000 އަށް ވުރެ ގިނަ ވޯޓް ފައްޔާޒް ހޯއްދެވިއިރު ދެން ވާދަކުރެއްވި އިމްތިޔާޒަށް ލިބިވަޑައިގެންފައިވަނީ 20،000 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު