އައްޑޫ ސިޓީ ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދުން މީގެ ފަސް އަހަރުކުރިން ހިފެހެއްޓި މީހަކު އެތަނުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާކޮށް ވަކިއެޅި މައްސަލައެއްގައި އެ މީހާ އެއް އަހަރާއި ތިން މަހާއި 17 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ތިން ފުލުހަކަށް އަނިޔާކުރުމުގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ހިތަދޫ، އައްޒާ، މުބާރިކް މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަނިޔާކުރުމުގެ ދައުވާއެއްގެ އިތުރުން ބިރު ދެއްކުމުގެ ދައުވާއެކެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދުގައި ތޫނު ހަތިޔާރެއް ހިފައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ މުބާރިކް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ.

މިގޮތުން މުބާރިކް އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދަން އުޅުމުން، ޕޮލިސް ކޯޕްރަލް ޝަޒަން އިބްރާހީމް މުހައްމަދުގެ ދަށްބަނޑުގައި ޖަހައި ކަނާތު މުލައްދަނޑީގައި ވަކި އެޅި ކަމަށާއި އަދި ކޯޕްރާލް އިބްރާހިމް ޝަރީފްގައި ބަނޑުގައި ފައިން ޖަހައި، ކޮންސްޓަބަލް ހުސައިން ރާޒީގެ އަތުގައި ވެސް ވަނީ ވަކިއަޅާފައެވެ.

މި ދައުވާއަށް މުބާރިކު އިންކާރުކުރި ނަމަވެސް ދައުލަތުން މި މައްސަލައިގާ ވަނީ ސީންގައި ހަރަކާތްތެރިވި އިތުރު ތިން ފުލުހުން ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި އަނިޔާ ލިބުނު ތިން މީހުން ވެސް ވަނީ ޝަރީއަތުގައި ހެކިބަސް ދީފައެވެ.

ބިރު ދެއްކުމުގެ ދައުވާ އުފުލީ ކޯޕްރާލް ޝަޒަން އިބްރާހީމް މުހައްމަދު މަރާލާނެ ކަމަށް ސީންގައި މުބާރިކް ބުނެފައިވާތީއެވެ.

އެގޮތުން ހެކިންގެ ހެކިބަހާއި އަދި ފެންނާން ހުރި ހެކީގެ މައްޗަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާ ވެސް ސާބިތުވާ ކަމަށެވެ.

އެއާއެކު އަނިޔާ ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އިއްވީ ނުވަ މަހާއި 18 ދުވަހު ޖަލަށް ހުކުމްރިއިރު، މަސް ދުވަހުގެ ތެރޭގައި 24،000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށާއި 897 ގަޑިއިރު (ގާތްގަނޑަކަށް 37 ދުވަސް) އަށް މުޖުތަމައަށް ހިދުމަތް ކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ހަމައެހެންމެ ބިރުދެއްކިކަން ސާބިތުވުމާއި ގުޅިގެން ވެސް އޭނާގެ މައްޗަށް ވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު