ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ 68.7 އިންސައްތަ މުވައްޒަފުން ބޫސްޓަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާޗް 24 ވަނަ ދުވަހުގެ ނިޔަލަށް, ރިސޯޓްތަކުގައި މަސައްކަތްކުރާ 97.5 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 99.9 އިންސައްތަ މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ޖަހައިފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޓުކުރާ 169 ރިސޯޓެއް އޮތްއިރު، މިރިސޯޓުތަކުގައި ޖުމްލަ 41،431 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަތުރުވެރިކަމުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އެއާޕޯޓުގައި މަސައްކަތް ކުރާ ޓޫރިސްޓު ރެޕުންނަށް ފަސޭހަކަމާއެކު ބޫސްޓަރ ޑޯޒު ޖެހޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި އިންތިޒާމު ހަމަޖައްސާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް ގުޅިގެންނެވެ.

އެންމެ އިސްކަމެއް ދީގެން ވެކްސިން ދެމުން އަންނަނީ ފަތުރުވެރިންނާ ގާތުން ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

ދުވަސްތަކަކަށް ފަހު ރާއްޖޭގެ ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، ކޮވިޑާ ގުޅިގެން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް މުޅިންހެން އުވާލާ އާންމު ހާލަތަށް މިހާރު ވަނީ ރުޖޫއަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު