ދިރާގުން ދުނިޔާގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ޔުނިވާސިޓީ ދަރިވަރުންނަށް މައުލޫމާތުދިނުމަށް ޕެނެލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.

ދިރާގުގެ އޮފީހުގައި ބޭއްވި ޕެނެލް ޑިސްކަޝަންގައި ވާހަކަދެއްކެވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދާއި ކުންފުނީގެ އެހެން ބައެއް އިސް ވެރިންގެ ޓީމަކުންނެވެ.

އެ ޕެނަލް ޑިސްކަޝަންގެ ބޭނުމަކީ ޒުވާނުން ބައިވެރިކޮށް، ޑިޖިޓަލް ކޮމިއުނިޓީއެއް ބާރުވެރިކުރުވައިގެން ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމުގައި އެ ކުންފުނިން އަދާ ކުރާ ދައުރާ ގުޅޭ ގޮތުން މައުލޫމާތު ދިނުން ކަމަށް ދިރާގުން ބުނެ އެވެ.

އަދި އެ ދަރިވަރުންނަކީ މުސްތަގުބަލު ބައްޓަން ކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ކުރާނެ، މުސްތަގުބަލުގެ ލީޑަރުން ކަމަށް ދިރާގުން ބުނެ އެވެ.

އެ ޕެނެލް ޑިސްކަޝަންގައި އިސްމާއީލް ރަޝީދު ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ހިދުމަތުގެ ދަތުރަށް އަލިއަޅުވައިލައްވައި، ދިރާގުގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

 

މި އަހަރުގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ ޝިއާރަކީ "އުމުރުން ދުވަސްވީ މީހުންނާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ޑިޖިޓަލް ޓެކްނޮލޮޖީ" އެވެ.

"ދިރާގުގެ ހުރިހާ ހިދުމަތަކީ ހުރިހާ އުމުރުފުރައަކަށް ވެސް ބޭނުންކުރެވޭ ގޮތަށް އަދި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ދިރިއުޅުން މުއްސަނދިކުރުމަށް މަގުފަހިކޮށްދޭ ހިދުމަތެއްކަން ދިރާގުން ކަށަވަރުކުރަން." އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ޕެނެލް ޑިސްކަޝަންގައި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދާއި ޗީފް ފައިނޭންސް އޮފިސަރު ރޮބިން ވޯލް އަދި ކޯޕަރޭޓިވް އޮފިސަރު އާތިފާ އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޑިސްކަޝަން މޮޑަރޭޓްކުރެއްވީ ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ސީނިއާ މެނޭޖަރު މިރުޝާން ހަސަން އެވެ.

ކިޔުންތެރިންގެ ހިޔާލު