ރޭގެ ވަގުތެއްގައި ގއ. ވިލިނގިލީ ނެރަށް ވަންނަން އުޅެނިކޮށް ހިނގި ލޯންޗް އެކްްސިޑެންޓުގައި ނިޔާވި ގއ. ވިލިނގިލީ ދޫރެސްގެ، މިސްބާހް އަބްދުއް ރައޫފް އާއި ނ. ލަންދޫ އުރަހަ، މުހައްމަދު ޝާފިއުގެ ކަށު ނަމާދު މިއަދު އަސުރު ނަމާދަށް ފަހު ބާއްވަން ނިންމައިފިއެވެ.

ވިލިނގިލީ ކައުންސިލްގެ މެމްބަރަކު "ވަގުތަށް" ވިދާޅުވީ، މިސްބާހު އާއި ޝާފިއުގެ ކަށު ނަމާދު މިއަދުގެ އަސުރު ނަމާދަށް ފަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ދެމީހުންގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައި އޮތީ މެންދުރު ނަމާދަށް ފަހުއެވެ.

ކަށު ނަމާދަށް މިސްބާހު އާއިލާ އެންމެން މިހާރު ވިލިނގިއްޔަށް ގޮސްފައިވާއިރު، ޝާފިއުގެ އާއިލާގެ ގިނަ މެމްބަރުން ވެސް އެ ރަށުގައި އެބަ ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

މިސްބާހު އާއި ޝާފިއުގެ ކުއްލި ވަކިވުމާއި ގުޅިގެން އެ އާއިލާގައި މިއަދު ބާއްވަން ހަމަޖެހިފައި އޮތް ކައިވެނި ޕާޓީ ވެސް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގއ. ވިލިނގިލި ނެރުބައްތިއަށް ލޯންޗެއް އަރައި، ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެފައިވާއިރު ދެ މީހަކު އެ ހާދިސާގައި ނިޔާވި އެވެ. އެ ލޯންޗުން ދަތުރު ކުރީ ޖުލްމަ 5 މީހުނެވެ.

ހާދިސާގައި އަނިޔާވި ތިން މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.