ގިނަ އަދަދެއްގެ ޑްރަގާއި ބިޔަރު ދަޅާއިއެކު ހިންނަވަރުން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިންނަވަރުގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް މައުލޫމާތު ލިބިގެން ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 36 ކުޑަ ރަބަރު ޕެކެޓާއި، ޖޫސްޕެޓީ ސައިޒްގެ ޕެކެޓެއް ފެނުނު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.

އޭގެ އިތުރުން، ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން ހުކުރު ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައިފާސްކުރި އިރު 24 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހިންނަވަރުގެ އިތުރުން އއ. ބޮޑުފޮޅަދޫގައި ވެސް ފުލުހުންވަނީ އޮޕަރޭޝަނެއް ހިންގާފައެވެ.

އެ އޮޕަރޭޝަނުގައި 28 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެ ދެ މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަތިވެރި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޮޑުފޮޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 28 އަހަރުގެ މީހާއަށް އަށް ދުވަސް އަދި 30 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަނޑިޔަ

    ސާބަހޭ ހިންނަވަރު ޕޮލިސް ސްޓޭޝަންގެ ޕޮލިހުން. ތިޔަހެން ގޮސް ހިންނަވަރަކީ ޑްރަގް އިން ސަލާމަތް ވެފައިވާ މުޖުތަމަޢަކަށް ހަދާލާ....

    6
    1
  2. އިބްރާހިމް

    އިބޫއަށް ސޭބަސް

  3. ރަން ރީނދޫ

    ސޯލިހް ގޭ ކުދިން ތަ،ތިޔަ ވާނީ ރޯޔަލް ޑްރަގް ކޭހަކަށް.