މަސްވެރިން ބާނާ މަސް ގަތުގެ ކެޕޭސިޓީ ނެތި ޝަކުވާތައް އިންތިހާ އިތުރުވެފައިވާތީ ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭ ގޮތް ހަދަން ނިންމައިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ޑރ. ހުސެއިން އެގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މަސްވެރިން ބާނާ މިންވަރަށް މަސް ނުކިރުވޭތީ އެކަން ހައްލުކުރަން މިހާރު ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން މިނިސްޓަރާ ވަނީ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ މިހާރު ކޫއްޑޫއިން ގަނެވެނީ ދުވާލަކު 400 އެއްހާ ޓަނުގެ މަސް ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް މޫސުމުގައި މަސްވެރިކަން ތިޔާގިވުމުގެ ކުރިން މަސްވެރިން ބާނާ މަސް ގަތުމުގެ ގާބިލުކަން ދެގުނަ އިތުރުކުރުން ކަމަށެވެ. އަދި އެކަމަށް ޓަކައި އުޅަނދުތައް ވެސް ގަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމުގައި 800 ޓަނު ކޫއްޑޫއަށް ކިރުމަށް ގެންނާނެ ކަމަށް ބަލާއިރު، ޝޯޓް ޓާމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ގާބިލްކަން ގާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ މަސްގަނޑުކޮށް ފިނި ކުރާ ފްރީޒާ ވެސެލްސް ގަތުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްތަރު ވިދާޅުވި ގޮތުގައި ކެޕޭސިޓީ އިތުރުކުރުން މަސްގަނޑުކޮށް ފިނި ކުރާ ފްރީޒް ކުރަން އެންމެ މަދުވެގެން ވެސް އިތުރު ތިން އުޅަނދު ބޭނުންވާނެ ކަމަށެވެ. އަދި ފައިސާ ހަމަޖެހިއްޖެނަމަ ތިން މަސް ތެރޭ އެ އުޅަނދުތައް ގަނެވޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސްވެރިކަން އެންމެ ބޮޑަށް ތިޔާގިވެގެން އެންމެ ފަހުން ވެސް އުޅުނީ ދެކުނުގެ އަތޮޅުތަކަށެވެ. އަދި މަސްވެރިން ބާނާ މަސް ނުގަނިވިގެން މަސް ގަތުން ލިމިޓް ވެސް ކުންފުނިތަކުން ކުރި އެވެ. އެހެންވެ އެކަމާ ދެކޮޅަށް މަސްވެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ރައީސް ޔާމީން ކޫއްޑޫގައި ކުރަން ފެށި މަސައްކަތް މި ސަރުކާރު އައިސް ހުއްޓާނުލާ ކުރިނަމަ މިހާރު ދުވާލަކަށް 1400 ޓަނުގެ މަސް ރައްކާކުރެވޭ ނިޒާމެއް ކޫއްޑޫގަ ހުންނާނެ.. ސިޔާސީ ކޯޅުމުގައި ގެއްލުން ވަނީ ރައްޔިތުންނަށް..

  2. ކޮއްޔާ

    ވެރިކަމަށް އަންނަންވީ ވައުދު ދައުރު ނިމެން އަހަރަކަށް ވާއިރު މަސްކިރުވުމަަށް އެއްވެސް އަލިމަގެއް ނުފެނުން // ކޮންމެ ފަހަރަކު އަންނަ އަހަރު // މަސްވެރިންނަށްވެސް ދެއްކީ ހުވަފެން //