ގއ. ކޫއްޑޫގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ބަދަލަކަށް ތެދުވެއްޖެއެވެ.

ކޫއްޑޫ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓު ހުސެއިން އަމްރު އާ ބައްދަލު ކުރައްވައި އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވައިފައެވެ.

އެ މުވައްޒަފުން ކިޔައި ދިން ގޮތުގައި މުސާރައަށް ގެނައި ބަދަލުތަކާއި މިނިމަމް ވޭޖްއާ އެކުގައި ޖުމްލަ 5،000-6،000 ރުފިޔާ ކޮންމެ މަހެއްގެ މުސާރަ އިން މަދުވާ ކަމަށެވެ. އެކަން ހައްލު ކުރަން އެތައް ފަހަރަކު ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންއާ ބައްދަލު ކުރެއްވި ނަމަވެސް ހައްލެއް ނުލިބުނު ކަމަށް އެ މުވައްޒަފުން ބުންޏެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާ ބައްދަލު ކުރެއްވުމުން، އެއާޕޯޓު މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށް އެ މުވައްޒަފުން ފާހަގަކުރެއެވެ.

"އެހެންވީމަ އަހަރުމެން އެންމެން ވެސް މިފަހަރު މިތިބީ މި ނޫން އެހެން ގޮތަކަށް ބަދަލަކަށް ބޭނުންވެފައި،" އެއް މުވައްޒަފަކު ކިޔައި ދިނެވެ.

އެ މުވައްޒަފުން ކިޔައި ދިން ގޮތުގައި ކޫއްޑޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ، އެހެނިހެން އެއާޕޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައާ އެއްވަރުކޮށްދީ، އެހެން ބަދަލުތައް ވެސް ގެނެސްދީފައި އެބަހުއްޓެވެ.

"އަހަރުމެން ނުބުނަން އެހެނިހެން ބޮޑެތި ކަންތައްތަކެއް ކޮށްދިނުމަށް. އެހެން ތަންތަނުގައި ނުހުންނަ ކަހަލަ ހިދުމަތް ދޭށެކޭ އަހަރުމެން ނުބުނަން. އަހަރުމެން ޑިމާންޑް ކުރަނީ އަހަރުމެންގެ ބޭސިކް ކަންތައްތައް ފުރިހަމަކޮށްދިނުމަށް. އިންޝުއަރެންސެއް ވެސް ނޯވޭ، މިކަހަލަ އެތައް މައްސަލަތަކެއް އެބަހުރި،" ކުރިން ވާހަކަ ދެއްކި މުވައްޒަފު ކިޔައި ދިނެވެ.

އެމީހާ ބުނީ މި ސަރުކާރާ މެދުގައި އެއްވެސް އުންމީދެއް ނެތް ކަމަށާއި އެމީހުންނަށް ރަނގަޅު ގޮތެއް ވާން އޮތީ ސަރުކާރު ބަދަލުވެގެން ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ގިނަ ވާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މީހުން ކަމަށް ވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަރީރު

    ތި އެއާރޕޯޓުގެ ވާހަކަ ނާރާ ނޫހެއް މިހާރު ނެތް. ރާއްޖެ ޓީވީ ހެދުނު ޝޯގައި އެއްމަސް ދުވަސް ވަންދެން ތި ވާހަކަ ދެކެވުނު، ކާކު އަޅާލީ؟

  2. ޙާލު

    ބަދަލު އެއީ އެމީހެއްގެ މިނިވަންކަން. ފޭކް ވާހަކަ ނުދެއްކިޔަސް މިނިވަން ކަމާއެކު ވޯޓު ލާންވީ

    9
    3