ރާއްޖޭގައި ފާނަބަސަންދު (ޗިކަން ޕޮކްސް)ގެ ވޭދަނަތައް ވަރަށް ގިނައިން ފެންނަމުންދާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ސިއްހީ އެކި މައްސަލަތަކުގައި އަބަދުވެސް ޓްވީޓް ކުރައްވަމުންގެންދަވާ ޑރ. ފައިސަލް ވިދާޅުވީ، ފާނަބަސަންދު ވަރަށް ގިނަވަމުންދާ ކަމަށެވެ.

އަދި ތުއްތު ދެ ކުއްޖަކު ބާއްވަންވެސް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ބައްޔަށް ވެކްސިން ދެވޭނީ އެއް އަހަރުން މަތީގެ ކުދިންނަށް ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދެވަނަ ޑޯޒްއަކީ ބޫސްޓާރ. ޖަހާނީ ދޭތެރެމެދަށް މަދުވެގެން ތިން މަސްވީމަ". ޑރ. ފައިސަލް ވިދާޅުވިއެވެ.

އޭނާ ވަނީ އެ ބައްޔާއި ދެކޮޅަށް ވެކްސިން ޖެހުމަށް އެދިފައެވެ.

މިއީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ބައްޔެކެވެ. މިއީ ވައިރަހެއްގެ ޒަރީއާއިން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ހޯދުންތަކުން ދައްކައެވެ. އަދި މި ބަލި ޖައްސާ ވައިރަހަކީ ހާރޕީޒް ވައިރަހުގެ އަށް ވައްތަރުގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ކަމަށް ސިއްހީ ބްލޮގްތަކުގައި ވެއެވެ.

  • މި ބަލީގެ އަލާމާތްތައް!
  1. ވަރުބަލިކަން އިހްސާސްކުރެވުން
  2. ހުންއައުން: 38°C (100.4F) އިން 39.4°C (103F) ގެ މިންވަރަކަށް ހުމުގެ އަސަރު ހުރުން
  3. ކާހިތްނުވުން
  4. ބޮލުގައި ރިއްސުން
  5. ކެއްސުން
  6. ކަރަށް ތަދުވުން
  7. ބަނޑުގައި ރިއްސުން
  8. ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާލުފޮޅި

    ކިތަންމެ ގިނަވިޔަސް ކުދިން އެއްކޮށްގެން ކުޅޭ ކުޅިވަރުތަށް ކުޅުން ވަނީ ގިނަ.. ދެން ކިހިނެތް ކަމެއް ހައްލުވާނީ