ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށް ވަކި ފަރާތަކަށް ހޯދައި ދިނުމަށް ރައީސް ޔާމީން ރިޝްވަތު ގަބޫލުކޮށް އަދި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާ ކުރި ކަމަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައި ވެއެވެ.

މިއަދު 13:00 ގައި ކުރިއަށް ގެންދަން ތާވަލް ކުރި ޝަރީއަތް ކެންސަލް ކުރިކަން ވަކީލުންނަށް މިހާރު ވަނީ އަންގާފައެވެ. ނަމަވެސް ޝަރީއަތް ކެންސަލް ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މިއަދު ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަން އޮތީ ލައިވް ވެސް ކުރާ ގޮތަށެވެ. އާރަށުގެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ފެށިފަހުން ކޮންމެ ދުވަހަކު ވެސް ރައީސް ޔާމީން ގެންދެވީ ޝަރީއަތް ލައިވް ކުރުމަށް އެދިވަޑައިގަންނަވަމުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކުރިން ވިދާޅުވަމުން ގެންދެވީ ޝަރީއަތް ލައިވް ކުރެވޭނެ ފަދަ ވަސީލަތްތައް ކޯޓުގައި ނެތް ކަމަށެވެ.

މީގެ ކުރިން މީޑިއާތަކާއި ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ފުރުސަތު ދީގެން ޔާމީންގެ މައްޗަށް އުފުލި އެހެން ދައުވާއެއްގެ ޝަރީއަތް ލައިވްކޮށްފައިވެއެވެ. މި ޝަރީއަތް ވެސް ލައިވްކޮށްދޭން ބައެއް މީޑިއާތަކުން އެދިފައި ވެއެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ.އަތޮޅު ފުއްގިރު ކުއްޔަށް ދިނުމުގައި ވެސް ރައީސް ޔާމީން ރިޝްވަތު ގަބޫލުކޮށް އަދި ލިބުނު ފައިސާ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް ވަނީ ދައުވާ އުފުލާފައެވެ. އެދައުވާގެ ޝަރީއަތް ވެސް ކުރިއަށް ގޮސް މިހާރު ވަނީ ހެކިބަސް ނެގުމާއި ގާތްވެފައެވެ.

ދެރަށެއްގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާގެ ހުކުމް ކުރުން މިއަހަރުގެ ނޮވެމްބަރ މަހު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ވިދާޅުވެފައި ވީނަމަވެސް މިހާރު ޝަރީއަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު ނޮވެމްބަރ މަހު ހުކުމް ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީމޫސަ

    ތީ ކިހިނެއް ތިހެދީ ! ދެން ހުކުން ލަސް ނުންވާނީ.

    1
    3
  2. ނޫޅެން.

    ކޮއްމެ މީހަކުވެސް ހަދާނުގައި ބަހައްޓާތި.. މީހަކަށް ކޮއްމެ ސިފައިގަވެސް އަނިޔާއެއް ދީފިއްޔާ އެކަން އެމީހާ ދުނިޔެއިންވެސް ދެކޭނެ. ކުއްލިއަކަށް ވަގުތުން ދިމާނުވިއަސް އެމީހާ އެކަމާ އަރާހަމަކުރާނެ. ވަގުތީ އުފާ ހޯދަން ތަމެން އެއްވެސް މީހަކަށް ޖެއްސުމުގެ ގޮތުންވެސް ނުރުހުމުގެ ގޮތުންވެސް އަނިޔާ ނުދީވޭތޯ ބަލާބަލަ.