ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންގެ ޝަރީއަތް ހޮނިހިރު ދުވަހު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

އާއްމުގޮތެއްގައި ހުކުރު އަދި ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ކުރިއަކަށް ނުގެންދެއެވެ. ނަމަވެސް މިދިޔަ އަހަރު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ދައުވާ އުފުލާފައިވާ ތަހްނީމް އަހުމަދާއި މުޖާޒު އަހުމަދާއި އިސްހާގު އާއި ފަހުމީ އަލީ އާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އަދި އިސްހާގުގެ ޝަރީއަތް މާދަމާ ކުރިއަށް ގެންދަން ވަނީ ތާވަލް ކޮށްފައެވެ.

މާދަމާ ކުރިއަށް ގެންދާ ޝަރީއަތަކީ ފުރަތަމަ މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދަން ތާވަލް ކުރި ޝަރީއަތެކެވެ. ނަމަވެސް އެދުވަހު ޝަރީއަތް ކުރިއަށް ނުގެންދެވުނީ މޫސުން ގޯސްވުމުންނެވެ.

މާދަމާ ތަހުމީން އަހްމަދާއި އަލީ ހައިޝަމްގެ މައްޗަށް އުފުލާފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދު ކުރުމުގެ ދައުވާ އާއި ތަހުމީން އަހްމަދާއި އަލީ ހައިޝަމާއި މުޖާޒް އަހްމަދުގެ މައްޗަށް އުފުލާފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދު ކުރުމުގެ ދައުވާ އާއި ތަހުމީނު އަހުމަދާއި އަލީ ހައިޝަމްގެ މައްޗަށް އުފުލާފައިވާ ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދާނެއެވެ.

މުޖާޒު އަހްމަދުގެ މައްޗަށް އުފުލާފައިވާ ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ އާއި ފަހުމީ އަލީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި މުހައްމަދު ނާޒިމާއި އިސްހާގުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި އިސްހާގުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާގެ ޝަރީއަތް ވެސް މާދަމާ އޮންނާނެއެވެ.

މިދައުވާތައް ކުރިއަށް ގެންދާނީ ދެ އަޑުއެހުމެއްގައެވެ. ޝަރީއަތް ފަށަން ހަމަޖެހިފައި ވަނީ ހެނދުނު 10:00 ގައެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ގުޅިގެން 10 މީހެއްގެ ޝަރީއަތް މިވަގުތު ކޯޓުގައި ކުރިއަށްދެ އެވެ. ނަމަވެސް ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތު ކުރާ މީހުންގެ މައްޗަށް އުފުލާފައި ވަނީ ސީދާ މިހަމަލާ އާއި ގުޅުން ނެތް ދައުވާތަކެކެވެ.

ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ލަސްކަމުގެ ޝަކުވާ އެމަނިކުފާނާއި އާއިލާއިން އަދި ރައްޔިތުންގެ މަޖިލީހުންނާއި ވަކީލުން އަންނަނީ ފާހަގަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ފަނޑިޔާރުން ގެންނަންވީނުން، ޝަރީޢަތްކުރަން

  2. ރަން ރީނދޫ

    10މީހުން ވެސް މިނިވަން ކުރޭ. އެއީ ލދނ ނަޝީދު ޖެއްސި ޑްރާމާއެއް.

  3. އަލިތަކުރު

    މުރައިދޫގޭގަ އޮންނަންވެގެން ގުރައިދޫ ތަކުރު ރޭވިރޭވުމެއް !!!

  4. އަލީމޫސަ

    ތި ޑްރާމާ ކުރިޔަށް އޮތް ދޮޅު އަހަރެއް ހާދުވަހު ސްކްރީނުން ނުނަގާނެ. މީނަ ހީކުރަނީ މީނަ ނޫނީ ބޮލެއްހުންނަ މީހުން ނުތިބޭކަމަށް.